ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި އެ ރަށުގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ އަންހެން މީހާއަކީ 22 އަހަރުގެ އަންހެނެއް ކަމަށް ފުލުުހުން މައުލޫމާތު ދެއެވެ.

އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ އިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ފަދަ މައްސަލަތަކަކީ މި މުޖުތަމައުގައި މިހާރު އާންމުވަމުން އަންނަ މައްސަލަތަކެވެ.

ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު، މި މަހުގައި ތ. ތިމަރަފުށީގައި ބިދޭސީ ނަރުހަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ވެސް ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ހަމަ މި މަހުގައި ހިޔާ ފްލެޓްގެ އިމާރާތެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން ދަނި ބަލަމުންނެވެ.