މާލެ ސަރަހައްދުގައި މިވަގުތު ރޯގާ ފެތުރޭލެއް ބާރުކަމުން މިރޭ ހުޅުވަން ނިންމި މިނިވަން އުފާ ކާނިވަލް ފަސްކޮށްފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ފަށަން ތައްޔާރު ވެފައިވާ މިނިވަން ކާނިވާ ފަސްކުރަން ނިންމާފައިވާ ކަން ހޯމް މިނިސްޓްރީން އިއުލާން ކޮށްފައި ވާއިރު އެ މިނިސްޓްރީން ބުނީ، މިނިވަން އުފާ ކާނިވާ ފަސް ކުރަން ނިންމާފައި ވަނީ މިހާރު ފެތުރެމުންދާ ރޯގާ އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ.
އަދި ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މާލެ ސަރަހައްދުގައި ފެތުރެއްމުން ދާ ރޯގާގައި ރޭ ދަންވަރުން ފެށިގެން މިއަދާ ހަމައަށް ވަނީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ބަލިވެގެން ހޮސްޕިޓަލަަށް ގެންދަން ޖެހިފައެވެ. ރޭ ފަތިހުން ފެށިގެން މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމްތައް ފުރިފައި ވާއިރު ކުއްލިއަކަށް އެހާ ގިނަބަޔަކު ބަލިވާން ދިމާވި ސަބަބު އަދި މިހާތަނަށް އިނގިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މި ދަނޑިވަޅުގައި ހުރިހާ އެންމެންވެސް އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުމަށް ކުރިން ހަމަޖެހިފައި އޮތީ މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އަދި މިނިވަން އުފާ ކާނިވާ މިރޭ 8:30 ގައި ހުޅުވުމަށް ވެސް އޮތީ ކުރިން ހަމަޖައްސާފައެވެ.
މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އޮތީ ހަމަޖައްސާފައެވެ.