މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ކުރިއަށްގެންދާ ފުޅަނދުތައް ދައްކާލުން ފެށޭނީ މިރޭ 8:30ގައި ކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި ހަރަކާތް ފެށުމަށް ކުރިން ހަމަޖެހިފައި ވަނީ މިއަދު ހަވީރުއެވެ.

ހޯމް މިނިސްޓްރީއން ބުނީ މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައިކަމަށެވެ. އަދި 29 ޖުލައިގެ ހަވީރާއި ރޭނގަނޑުވެސް ފުޅަނދުތައް ދައްކާލުން އޮންނާނެ ކަމަށެވެ.

ރޭގައި މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދު ބުރު ކުރިއަށް ގެންގޮސްފައިވާއިރު އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ މި ހަރަކާތައް ލިބިފައެވެ. މިއަހަރުގެ ފުޅަނދު ބުރުގައި ޖުމްލަ 15 ފުޅަނދު ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 8 އިދާރާއަކުން ވަނީ ހުށަހަޅައިދީފައެވެ.

މިނިވަންއުފާ ކާނިވާ މިރޭ 8:30 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި ކާނިވާ ހުޅުއްވައި ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ހޯމް މިނިސްޓްރީއިން ބުނެއެވެ. ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެން ހުޅުވާ މި ކާނިވާ އޮންނާނީ ހުޅުމާލޭގެ ސެންޓަރަލް ޕާކުގައި މިރެއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށެވެ.

މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ. އެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގް ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެފިއެވެ.