އަންނަ ރިޔާސީ އިންތިހާބަށް ފޯރިގަދަ ކޮށް ކެމްޕެއިން ކުރަން ފަށާފައިވާ އިރު، ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރަން ސިޔާސީ ޕާޓީތަކަަށް މާލެ ސިޓީ ކައުންސިލުން ހަމަހަމަ ފުރުސަތުތަ ނުދޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ވަނީ މި ދުވަސްވަރު ވެސް މާލޭގެ ހުސްބިންތަކުގައި ޕޯސްޓަރު ހަރު ކުރުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ދެނީ ޕީޕީއެމަށް ކަމަށް ވިދާޅުވެފައެވެ. މާލެ ސިޓީ ކައުންސިލަކީ އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ ފުރިހަމަ ކޮންޓްރޯލް އޮތް ތަނެއް ކަމަށް ވާއިރު، އެ ޕާޓިއަކީ މި ސަރުކާރުން ބޭއިންސާފުން ކުރާ ކަންކަމުގެ ވާހަކަތައް އެންމެ ގިނައިން ހިއްސާ ކުރާ ޕާޓީ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެ ވާހަކަ އެންމެ ގިނައިން ދައްކާފައި ޕީޕީއެމްގެ ބާރު އޮތް ކައުންސިލުން އަމަލު ކުރަމުންދާ ގޮތަށް ފާޑުވިދާޅުވަމުން އުޝާމް ވިދާޅުވީ، ޕީޕީއެމްއަށް ޕޯސްޓަރު ހަރުކުރުމުގެ ފުރުސަތު ލިބި އެހެން ޕާޓީތަކަށް އެ ފުރުސަތު ނުދިނުމަކީ ބޭއިންސާފުން ކުރާ ކަމެއް ކަމަށެވެ. އަދި މިގޮތަށް އަމަލުތައް ހުންނަތަން ފެނުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕީޕީއެމްގެ ކެންޑިޑޭޓުގެ ޕޯސްޓަރުތައް ފެންނަމުންދާ އިރު، ބައެއް ސަރަަހައްދުތަކުގައި އެމްޑީޕީގެ ޕޯސްޓަރުތައް ވެސް ފެންނަން އެބަހުއްޓެވެ. ނަމަވެސް ޕާޓީއަކަށް އެފަދަ ފުރުސަތެއް ދީފައި ނުވާ މައްސަލައެއް މީގެ ކުރިން އެއްވެސް ޕާޓީއަކުން ހިއްސާކޮށްފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލަށް އުޝާމް މިފަދަ ތުހުމަތެއް ކުރައްވާ އިރު، އެ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަކީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އުޝާމްގެ ތުހުމަތުތަކާ ގުޅިގެން އަދި ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރާކަން އިއުލާންކޮށްފައި ތިބި ގިނަ ކެންޑިޑޭޓުން މިހާރު ކެމްޕެއިން ހަރަކާތްތައް ހިންގާ މަންޒަރު އަންނަނީ ފެންނަމުންނެވެ. ބައެއް ފަރާތްތަކުން މާލެ ސަރަހއްދުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުން އަންނަ އިރު، ރަށްރަށުގައި ވެސް ވަރަށް ފޯރިއާ އެކު އަންނަނީ ކެމްޕެއިންތައް ހިންގަމުންނެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވާ ސިޔާސީ ޕާޓިތަކުގެ ތެރޭގައި، ޕީޕީއެމް، އެމްޑީޕީ، އެމްއެންޕީ، ޖޭޕީ، އެމްއާރްއެމް އަދި ޑިމޮކްރެޓްސް ހިމެނެއެވެ.