'ސިއްރު' ކުރަން ކިތަންމެ މަަސައްކަތެއް ކުރިޔަސް އެއީ ސިއްރެއް ނޫނެވެ. އެހެން ޕާޓީތަކެކޭ އެއްގޮތަށް ޕީޕީއެމް އަކީވެސް ތަސައްރަފް ފުދިފައި އޮތް ބޮޑު ސިޔާސީ ޕާޓީއެއް ކަމުން، ސިޔާސީ ގޮތުން އެކަކަށް ވުރެ އަނެކަކު ކުރިއަރާ ދާން މަސައްކަތް ކުރުމަކީ ސިއްރު ކުރަން ޖެހޭނެ ކަމެއްވެސް ނޫނެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަކީވެސް އެ މަގުގައި ކުރިއަށް ވަޑައިގަންނަވަން ހަމަ ހެޔޮ ބޭފުޅެކެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަކީ ވެސް ހަމަ ހެޔޮ ބޭފުޅުންނެވެ.

މި ބޭފުޅުންނަށް ކެރިވަޑައިނުގަންނަވަނީ، ތޮށިގަނޑު ފަޅާލައްވައި ނުކުމެވަޑައިގަންނަވާށެވެ. ޕާޓީގެ އެތެރޭގެ 'އުދާސް ގަނޑު' ގައި ފިތި ބާރުވެގެން ތިބެން މަޖުބޫރު ހާލަތެއް އޮތީކަމަށް ގަބޫލުކުރެވޭ މިހާލަތަކީ، ރާއްޖޭގެ މުސްތަގުބަލާ، އެ ޕާޓީއަކާ ގުޅިފައި އޮތް ޕީޕީއެމް އަށް ހައްސާސް ވަގުތުކޮޅެކެވެ.

ރިޔާސީ އިންތިހާބުގެ ވިލާގަނޑު ބޯމަތީގައި އޮތް މި ވަގުތު މުޅި 'މުޅި ގައުމުގެ ލޯ' ޕީޕީއެމްއަށް ހުއްޓިފައި ވަނީ އެ ޕާޓީގެ ނިންމުމަކީ ގައުމުގެ މުސްތަގުބަލަށް މުހިންމު ނިންމުމަކަށް ވާތީއެވެ.

ރާއްޖޭގެ ސިޔާސީ ހަގީގަތް އޮތް ގޮތުން ވެރިކަން ކަމުގައި އޮތް ޕާޓީގެ ވާދަވެރިންނަކީ ޕީޕީއެމްއެވެ. ޕީޕީއެމްގެ ކޮންމެ ނިންމުމަކީ އަންނަ ރިޔާސީ އިންތިހާބުގެ ވޯޓަށް އެކަމުގެ ސީދާ އަސަރު ކުރާނެ ނިންމުމެކެވެ.

މިގުތަށް 'ސިއްރު' ކުރަން ޖެހިގެން އުޅެނީ، އެ ނިންމުމެއްގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކުން ސަލާމަތް ވުމަށް ހާލަތު ކުރުވާ މަޖުބޫރެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް، އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވައި އަދި އިންތިހާބީ ފޯމްގައި ސޮއިކުރެއްވި ނަމަވެސް، 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާތީ، ކެންޑިޑަސީ ސާފުވާނެ ގޮތެއް އަދި ނެތެވެ. ކިރިޔާވެސް ގޮތެއް ވިއްޔާ އޮތީ ކެންޑިޑަސީ ފޯމް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން، ސްޕްރީމް ކޯޓަށް ގޮސް، ޔާމީންގެ ނަންފުޅު ކްލީން ކުރުމެވެ. އިލެކްޝަންސް ކޮމިޝަންގެ ބޯޑު އެތުރިފައި އޮތް ގޮތުން އެއީ މާ ފަސޭހަ ގޮތަކަށް ނުވިނަމަވެސް މަސްލަހަތަށް ބުރަވެ ކޯޓަށް ދިޔުމަކީ އެކަން ކުރާނެކަމަށް ފެންނަ ގޮތެވެ.

ދަށު ކޯޓުތަކުން ޔާމީނަށް ކުރި ހުކުމަކީ ނިހާއީ ހުކުމެއް ނޫންކަމަށް ގަބޫލުކުރެވޭ މިހާލަތުގައި ސްޕްރީމް ކޯޓުން އެހުކުމަށް ތާއީދު ކޮށްފިނަމަ ޔާމީނުގެ ކެންޑިޑަސީ ބަލައިގަނެވޭނެ ހަމަ އެއްވެސް ހަމައެއް ދެން ނޭޅޭނެއެވެ.

ވެދާނެ ގޮތެއް ކަމަށް ހިތާ ތިބެ، ގޮތެއް ނުނިންމާވެސް ޕީޕީއެމް އަކަށް ކުރިމަގެއް ނެތެވެ. އެހެން ކަމާއެކު، ލިޑާޝިޕް ދައްކަވަމުން ގެންދަވާ އެހެން ލީޑަރުން އެފުރުސަތު ނުހޯއްދަވާ ތިއްބެވުމެއްވެސް އަދި ޕާޓީގެ ސެނޭޓުން އެ ލީޑަރުންނަށް އެފުރުސަޔު ނުދޭންވީ ސަބަބެއްވެސް ނެތެވެ. ގެއްލުމެއް އޮތް ކަމެއް ނޫން ކަމުގައި ވަންޏާ އެކަން ނުކުރާންވީ ހުއްޖަތެއް ނެތެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވާނެކަން އިއުލާން ކުރެއްވުމަށް ފަހު ކުއްލި ގޮތަށް އެކަން ކެންސަލް ކުރައްވައި ޗެނަލް 13 ގެ ބައިގަޑިއެއްހާ އިރު ހޯއްދަވައިގެން ޑރ. މުއިއްޒު އޭނާގެ ނަން ސާފު ކުރައްވައިފިއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މުއިއްޒު އުޅުއްވާ ކަމަށާއި ސެނޭޓުގެ ކޮންޓްރޯލް ނަންގަވައިގެން އެމަގަށް ކައްޗާ ދުއްވާ ކަމުގެ ތުހުމަތުތަކަށް ޖަވާބެއް ދެއްވުމެއް ނެތި ހައްތަހާވެސް ވިދާޅުވަމުން ގެންދެވީ، ރައީސް ޔާމީނަށް 'ސަނާގެ' ބަސްތަކެވެ. ވަފާތެރިވެވަޑައިގަންނަވާނެ ކަމަށާއި 'އަންކޮންޑިޝަނަލް ލަވް' އޮތް ކަމަށެވެ. އިހުތިރާމާއި ގަދަރު ކުރައްވާ ކަމަށާއި ބޭވަފާތެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

އެވާހަކަ ރަނގަޅެވެ. ރައީސް ޔާމީނަކީ ޕީޕީއެމްގެ އެންމެހާ މެންބަރުންގެ ލޯބި އޮތް ބޭފުޅެކެވެ. މުއިއްޒު ފަދައިން، ޝިޔާމް، ސައީދު، ޣައްސާން އަދި އާދަމް ޝަރީގެ ލޯބިވެސް އޮތީ އެލީޑަރަށެވެ. އެކަމާ ހައިރާންވެ ސުވާލު އުފައްދާ މީހަކު ނެތެވެ.

ސުވާލު އުފައްދަނީ، ޔާމީނަށް އަރުވާފައި އޮތް ޓިކެޓް އަތުލަން އުޅުއްވަނީތޯ އަހާ އުފައްދާ ސުވާލެވެ. ޖަވާބު ދެއްވަންވީވެސް އެ ސުވާލަށެވެ.

މުއިއްޒާއި ޝިޔާމް، ސައީދު، ޣައްސާން އަދި އާދަމް ޝަރީފަށް ވެސް ކެރިވަޑައިގަންނަވާން ވީ، ޓިކެޓް ކަންތަކާ އުޅުއްވާ ކަމަށާއި ޔާމީނަށް ލެއްވޭނެ ހާލަތު ނުފެންނަ ކަމަށާއި ރިޔާސީ އިންތިހާބުގައި ޕާޓީ ތަމްސީލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެއީ ހުތުރުވެސް ކަމެއް ނޫނެވެ. އައިބުވެސް ގޮތެއް ނޫނެވެ. ޕާޓީގެ އާންމު މެންބަރުން ހަމަނުޖެހިދާނެތީ ނުވަތަ ޕާޓީން ބޭރުކޮށްލަފާނެތީ ބިރުގަންނަން ޖެހިވަޑައިގަންނަވާ ކަމެއްވެސް ނޫނެވެ. އެއިން އެއްވެސް ބޭފުޅަކު މިވަގުތު ޕާޓީން ބޭރުކޮށްލާކަށް ޕާޓީއަކަށް އެފޯޑެއް ނުކުރެވޭނެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޕާޓީ ރޫޅި ބައިބައިވެ، ބަލިކަށިވެއްޖެ ނަމަ، އަންނަ އިންތިހާބު ފަސޭހަކަމާއެކު ވެރިކަން ހިންގާ ޕާޓީން ކާމިޔާބު ކުރާނެއެވެ.

ސިއްރު ކޮށްގެން ތިއްބަސް ސިއްރު ނުވާ ވާހަކަތައް ހަމަ އިސްކޮޅަށް ތެދުވެ ވިދާޅުވާށެވެ. ކުރިމަތިލައްވާނެ ވާހަކަ ވިދާޅުވާށެވެ. ތި ލީޑަރުން ހައްދަވާ ގޮތެއް ޕާޓީގެ އާންމު މެންބަރުންނަށް އެނގުމަކީ އޮތް ހައްގެއް ކަމަށް ގަބޫލުކުރައްވައި ކުރިއަށް ނިކުންނަވާށެވެ. މިއީ އެވަގުތެވެ.