ރާއްޖޭގެ މިނިވަންކަމުގެ މިއަދުގެ ރަމްޒަކީ ސަރުކާރުން ދުނިޔޭގެ ގައުމުތަކާއެކު ބާއްވަމުން އަންނަ ސުލްހަވެރި ގުޅުން ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މިނިވަންކަމަކީ އިންސާނީ ތަބީއަތުގެ އެންމެމަތީ އެއްސިފަ ކަމަށާއި އެކަމަށްޓަކައި އިންސާނާގެ މުދަލާއި ފުރާނަ ގުރުބާންކުރާ އެންމެމަތީ ޖައުހަ އަކީވެސް މިނިވަންކަން ކަމަށެވެ.

ބައެއްފަހަރަށް މިނިވަންކަމުގެ އުފާ އިހުސާސްކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުންކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިކަމެތިކަމާއި, ބަލިކަށިކަމާއި ދެރަކަމާއި ހިތާމައަކީ އިންސާނާގެ ކުރިމަތީގައިވާ އަޅުވެތިކަން ކަމަށެވެ.

އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ވަކިންބޮޑު ނިކަމެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިނުވާނެ. ވަކިވަކި ފަރުދުންނާއި ގައުމުތަކުގެ އަޅުވެތިކަމުން އިންސާނީ މުޖުތަމައުތައް މިންޖުވުމަށް މަސައްކަތްކުރަނީ މިސަބަބާހުރެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަމަށް ލޯބިކުރާ އަޅުވެތިކަމަށް ނަފްރަތުކުރާ ރައްޔިތެއް އުޅޭ ގައުމެއް.
އިމްރާން

އިމްރާން ވިދާޅުވީ، މިއަދުގެ މިޖީލަށް މިނިވަންކަން އައިސްފައި ވަނީ ކާބަފައިންގެ ހިތްވަރާއި އަޒުމާއި, މިނިވަންކަމަށް ކުރި ލޯބީގެ މަތިވެރިކަމުން ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނުން މަސައްކަތްކުރި ކޮންމެ ހިނދެއްގައި މިނިވަންކަމުގެ ދިފާއުގައި ދިވެހިން ތެދުވީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކުކަން އިމްރާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކާބަފައިންގެ ތެރެއިން އިސްނަގައިގެން ތެދުވެ، އެތައް އަބުތާލުންގެ ޒިކުރާތައް ތާރީހުގެ ފަތްފުށްތަކުން ދިރުވި އާލާކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއަދު މިހަނދާންކުރަނީ އެޒިކުރާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުން މިސާލު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ގިނަކަމާ ގުޅިފައިވާކަމެއް ނޫން ކަމަށެވެ.

މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި އަޅުވެތިކަމާ ދެކޮޅަށް, އަޅުވެތިކަން ގަބޫލުނުކުރުމާ ދެކޮޅަށް ކަނޑައަޅާ ވަރުގަދަވެގެންވާ އަޒުމެއް. އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހިގެން ތެދުވާ ވަރުގަދަ ސާބިތުކަމަކާ ހިތްވަރެއް. މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި މިނިވަންކަމުގެ ދިފާއުގައި ގުރުބާންވާންޖެހޭ ކޮންމެ ހިނދެއްގައި ކޮންމެ ސިފައެއްގައި ތެދުވެ ގުރުބާންވުމަށްޓަކައި ލޭއޮހޮރުވާލުމަށްޓަކައި ދެވޭ ހިތްވަރެއް. އަދި މިނިވަންކަމުގެ ދިފާއުގައި އެއް އިހުސާސެއް ކުރާ އެންމެން އެކުގައި ގޮވައިގެން ތެދުވާ ހިކުމަތްތެރި ހިތްވަރުގަދަ ލީޑަރުންގެ މަސައްކަތުގެ ނަތީޖާ.
އިމްރާން

އިމްރާން ވިދާޅުވީ އެޒިންމާތައް ފުރިހަމަ ގޮތުގައި އުފުލާ އެކަމުގެ ފުރިހަމަ އިހުސާސް ހުރިހާ ރައްޔިތުން އެކުގައި ކުރުމަކީ އަދާކުރަންޖެހޭ ގައުމީ ވާޖިބެއް ކަމަށެވެ. މިއަދުގެ ސަރުކާރުން އެޒިންމާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ވިސްނުންތެރިކަމާއި, ހިކުމަތްރެރިކަމާއެކު ނަންގަވަމުން ގެންދަވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިގެންދަނީ ގައުމުތަކާމެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އެކަން އިހުސާސްކުރެވި ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ސުލުހަވެރި މަތިވެރި ގުޅުންތަކަކީ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒު ކަމަށް އިމްރާން ވިދާޅުވިއެވެ.

މިގުޅުން މިގޮތުގައި ދެމިއޮންނާނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތު ކަނޑައެޅި އެސިޔާސަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ބޭފުޅުންގެ އިއްޒަތާއި ޝަރަފްވެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި އަދި ސަލާމަތީ ހިދުމަތްތަކުން ކުރައްވާ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.