މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާ ގުޅިގެން މާރިޔާ ދެއްވި ހިތޯބުގައި މާރިޔާ ވިދާޅުވީ މިނިވަން ދުވަހު އެންމެން އެއްބައިވެ މިތިބީ މި ވަތަނުގެ ލޭނާރު ތަކުގައި ހިނގާ މިނިވަންކަމުގެ ވިންދު އިހްތިފާލް ކުރަން ކަމަށެވެ. އަދި ދިވެހި ގައުމުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކޮނޑުގައި އެޅިފައިވާ ޒިންމާގެ ބިޔަ ބުރަކަން ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މިނިވަން ދުވަހަކީ ދީނާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި ދިވެހި ވަންތަކަން ދެމެހެއްޓުމަށް ހިތްވަރުގަދަ އެތައް ބަތަލުން ވެވަޑައިގެންނެވި އަގު ނުކުރެވޭ ގުރުބާނީ ރަމްޒު ކޮށްދޭ ދުވަހެއް ކަމަށާއި މިއީ ދިވެހިންގެ ހޭލުންތެރިކަމާއި އެއްބައިވަންތަ ކަމާއި ނުގުޑޫފަދަ އަޒުމުގެ އަލިގަދަ ދަލީލެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދާއި ދިވެހިންގެ ބިން ވަރުބަލިކަމެއް ނެތި ރައްކާތެރިކަމާއެކު ބަލަހައްޓާ ދިވެހި ސިފައިންގެ ހިދުމަތް މާރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

މާރިޔާ ވަނީ މިނިވަން ކަމަކީ ހަމަ އެކަނި އަސްކަރީ ބާރައި ގުޅިފައިވާ ކަމެއް ނޫން ކަމަށާއި މުޅި ދިވެހި މުޖުތަމައުއާއި ދިވެހި ކޮންމެ ރައްޔިތަކާއި ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދުލު އިންސާފު ގާއިމުވުމާއި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ވިޔަފާރިއާއި އިގްތިސޯދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ މާހައުލެއް އޮތުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމަކީވެސް ގައުމުގެ މިނިވަންކަމާ ގުޅިފައިވާ މުހިއްމު ކަންކަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ތަފާތު ހިޔާލުތަކަށް ޖާގަދީ އެކަކު އަނެކަކަށް އިހުތިރާމުކޮށް ގުޅިގެން މަސައްކަތް ކުރުމަކީވެސް މިނިވަންކަމާއި ގައުމުގެ ހަމަ ޖެހުން ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ މިހާތަނަށް ހޯދިފައިވާ ކާމިޔާބު ފާހަގަކޮށް އުފާކުރާއިރު ކުރިމަގަށް ވިސްނަން ޖެހޭ ކަންކަންވެސް އެހާމެ ގިނަ ކަމަށެވެ. އަދި ބަދަލުވަމުންދާ ސަރަހައްދީ މާހައުލާ އިސްތިރާޖީ ހަލަބޮލި ކަމުގެ ތެރެއިން މި ގައުމުކުރާ ދަތުރު އަމާންކަމާއި އޮމާންކަމާއި ހަމަޖެހުމާއެކު ކުރިއަށްގެންދިއުމުގެ ހަކަތައަކީ އެއްބައިވަންތަކަން ކަމުގައި މާރިޔާ ވަނީ ސިފަކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ދިވެހިންގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް، އިހްތިރާމާއި ގަދަރު ލިބިފައިވާ ޝަރަފުވެރި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ގަބޫލު ކުރާ ހަމަތަކާއި އުސޫލުތައް ނަގަހައްޓާއި ދަމަހައްޓަން ޖެހޭ ކަމާއި މިއަދު ދިވެހި ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު ހުރިހާ ދިވެހިން ޝާމިލުވާ ގޮތަށް މި ގައުމު ބިނާކުރުމަށް އަޒުމު ކަނޑައެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަން ފަޒާގައި ދިވެހި ދިދަ ވިހުރުވައި ފަހުރާއެކު ހަރުއަޑުން ގައުމީ ސަލާމް ކިޔާއިރު ކޮންމެ ފަރުދަކީވެސް މި ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި މުހިއްމު ޒިންމާއެއް އޮތް މީހެއްކަން ގަބޫލުކުރުމަކީވެސް އެހާމެ މުހިއްމު ކަމެއް ކަމަށެވެ.