އީސީގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން އިދިކޮޅުން ސަރުކާރަށް ފާޑުކިޔައިފިއެވެ.

އީސީގެ 3 މެންބަރަކު ވަނީ ފުވާދުގެ އިތުބާރު ނެތްކަމަށް މި މަހުގެ 18 ވަނަ ދުވަހު ކޮމިޝަންގެ 794 ވަނަ އާންމު ޖަލްސާގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ މިއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި މިކަމުން އެނގެނީ އީސީއަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ކަމަށެވެ.

ފުވާދުގެ އިތުބާރު ނެތް ކަމަށް ފާސް ކުރީ އުސޫލްތަކުގެ ތެރެއިން ނުފޫޒުތަކުން އެއްކިބާވެ ތިބެގެން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ބެލެވޭތީ ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އާދަމް ޝަރީފް ވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެންސީއާމެދު ދެ ފަހަރު ދެ ގޮތައް ފުވާދު ވާހަކަ ދައްކަވަން މަޖުބޫރުވީ އެހެންވެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވެފައެވެ.

އީސީގެ ޖަލްސާއަކުން ފުވާދުގެ އިތުބާރު ނެތް ކަމަށް ނިންމި ނަމަވެސް އީސީގެ ގާނޫނު ބުނާ ގޮތުން ފުވާދު ވަކިކުރުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ފުވާދު "ދަ ޕްރެސް" އަށް ވިދާޅުވީ ގާނޫނާއި ގަވާއިދު އަދި އުސޫލުތަކާވެސް ހިލާފުވެ ވަޑައިގެންފައި ނުވާނެ ކަމަށާއި މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ފުވާދު އަވަސް ކުރެއްވި ކަމަށް ބުނެ މެންބަރުންގެ ތުހުމަތުތައް އަމާޒުވެފައި ވަނިކޮށެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވަމުން އަންނަ އިރު ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ފޯރިއާއެކު ތައްޔާރު ވަމުންނެވެ. އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅުމްގެ ތެރޭގައި އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ، ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަކުރެއްވޭނެ ފުރުސަތު އަދި އޮތީ ބަންދުވެފައެވެ.

އެ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވާފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އީސީން ވަނީ ހުޅުވާލާފައެވެ.