އީސީގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް ފާސްވި ނަމަވެސް މަގާމުން ވަކިކުރުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުން މަޖިލީހަށް ކަމަށް އީސީއިން ބުނެފިއެވެ.

އީސީގެ ގާނޫނޫގައި އެކަން ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމިޝަންގެ ރައީސް ފުވާދު ކަންތައްތައް ކުރައްވާގޮތުން އޭނާއާ މެދު 3 މެންބަރެއްގެ އިތުބާރު ނެތްކަމަށް މި މަހުގެ 18 ވަނަ ދުވަހު ކޮމިޝަންގެ 794 ވަނަ އާންމު ޖަލްސާގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ވޯޓަކީ ކޮމިޝަންގެ ރައީސް ފުވާދު، ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް ނެގުނު ވޯޓެއް ނޫން ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ ގާނޫނީ ގޮތުން ކޮމިޝަންގެ ރައީސް މަގާމުން ވަކިކުރުމުގެ ބާރު މެންބަރުންނަށް ލިބިދީފައި ނުވާ ކަމަށާއި އެ ބާރު ލިބިދެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެފައި ވަނީ އިލެކްޝަން ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. އަދި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން ފުވާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައި ވެއެވެ.

ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ފުވާދު އަވަސް ކުރެއްވި ކަމަށް ބުނެ މެންބަރުންގެ ތުހުމަތުތައް އަމާޒުވެފައި ވަނިކޮށެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވަމުން އަންނަ އިރު ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ފޯރިއާއެކު ތައްޔާރު ވަމުންނެވެ. އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ ބޭފުޅުމްގެ ތެރޭގައި އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ، ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަކުރެއްވޭނެ ފުރުސަތު އަދި އޮތީ ބަންދުވެފައެވެ.

އެ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އީސީން ވަނީ ހުޅުވާލާފައެވެ.