އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެފައި ވަނީ އިލެކްޝަން ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. އަދި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން ފުވާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައި ވެއެވެ.

މިކަމާ ގުޅޭ މައުލޫމާތު ހޯދާލުމަށް "ދަ ޕްރެސް" އިން އިލެކްޝަން ކޮމިޝަން އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އީސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި ފާސްކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދޭން ފުވާދު ނުފޫޒު ބޭނުން ކުރެއްވި ކަމަށް ބުނެ ކޮމިޝަނުގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރައްފައި ވާ ދަނޑިވަޅެއްގައެވެ.

އަދި އެ ކޮމިޝަނުގެ މެންބަރު އަލީ ނަޝާތުގެ ދައުރު މާދަމާ އަށް ހަމަވާއިރު އެ މަގާމަށް ހަމަ އޭނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަމަވެސް އެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ އެކަމަށް ގޮތެއް ނުނިންމައެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވަމުން އަންނަ އިރު ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ފޯރިއާއެކު ތައްޔާރު ވަމުންނެވެ. އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ ބޭފުޅުމްގެ ތެރޭގައި އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ، ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަކުރެއްވޭނެ ފުރުސަތު އަދި އޮތީ ބަންދުވެފައެވެ.

އެ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އީސީން ވަނީ ހުޅުވާލާފައެވެ.