ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ރާއްޖެގެ އެކި ކަންކޮޅުތަކުގައި ހިންގަން ރާވައިފިއެވެ.

މާލޭގައި މިނިވަންދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ރޭ 8:30ގައި ރައީސްގެ ދެ ކަނބަލުން އިސްލާމީ މަރުކަޒުގައި ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމަކުންނެވެ.

މިނިވަންދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް (މާލޭގައި):

  • ބުދަ ދުވަހު ހެނދުނު 6:00 - ދިދަ ނެގުމުގެ ރަސްމިއްޔާތު
  • ބުދަ ދުވަހު ހެނދުނު 6:00 އިން ރޭގަނޑު 11:00އަށް - "މިނިވަންއުފާ މުޅި ރާއްޖޭން" ޓީވީ ލައިވް ޝޯ
  • ބުދަ ދުވަހު ހެނދުނު 10:00 - މިނިވަންދުވަހުގެ ރަސްމީ ޖަލްސާ (ސޯޝަލް ސެންޓަރު ހޯލްގައި)
  • ބުދަ ދުވަހުގެ ރޭ 8:30 - މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު ( ގަލޮޅު ދަނޑުގައި)
  • ބުރާސްފަތިދުވަހު ހަވީރު 4:30 - އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް އަދި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓްމާޗް (މާލޭގެ ބޮޑެތި މަގުތަކުގައި)
  • ބުރާސްފަތި ދުވަހުގެ ރޭ 8:30 - ފުޅަނދުބުރު (މާލޭގެ ބޮޑެތި މަގުތަކުގައި)
  • ހުކުރު ދުވަހު ހަވީރު 5:00 އިން ރޭގަނޑު 12:00އަށް - މިނިވަންދުވަހުގެ ފުޅަނދުތައް ދައްކާލުން (ސެންޓްރަލް ޕާކް ސަރަޙައްދުގައި)
  • ހުކުރު ދުވަހުގެ ރޭ 8:30 - މިނިވަންދުވަހުގެ ކާނިވާ ހުޅުވުން / (ބަޑިބޭހުގެ ކުޅިވަރު، ޑްރޯން ޝޯ، ސަގާފީ ހަރަކާތްތަކާއެކު ސްޓޭޖް ޝޯ، ފުޅަނދުތައް އާންމުކޮށް ދައްކާލުން، ޕެރެމޯޓޯ ޝޯ ދައްކާލުން) ސެންޓްރަލް ޕާކް ސަރަހައްދުގައި(
  • ހޮނިހިރު ދުވަހު ހެނދުނު 9:00 - ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމުދިނުމަށް ބާއްވާ ޖަލްސާ (ސޯޝަލް ސެންޓަރު ހޯލްގައި)
  • ހޮނިހިރު ދުވަހު ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް - މިނިވަންދުވަހުގެ ފުޅަނދުތައް ދައްކާލުމާއި ކާނިވާ ކުރިއަށް ގެންދިޔުން (ސެންޓްރަލް ޕާކް ސަރަޙައްދުގައި)

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މިނިވަންދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ތ.ކިނބިދޫ، ޅ.ހިންނަވަރު، ލ.މާބައިދޫ، ކ ހިންމަފުށި، ގއ.ގެމަނަފުށި، ހއ.ހޯރަފުށި، ރ.ކިނޮޅަސް، ގއ.ދާންދޫ އަދި ޅ.ނައިފަރު ހިމެނެއެވެ.

އެގޮތުން ހުކުރު ދުވަހުގެ ފަހުން އަތޮޅުތަކުގެ އެކިއެކި ރަށްރަށުގައި އެމްއެންޑީއެފްގެ ބްރާސްބޭންޑްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ސްރީލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީތަކުގައި މިނިވަން ދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މާލެއާއި އަތޮޅުތަކުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތަކާއި މަޒުމޫނު ލިޔުމުގެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާއިރު އާންމުން ހުޅުވާލައިގެން ފޮޓޯގްރަފީ މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.