ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ފްރެންޗެސްކޯ މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ، އެފްއޭއެމްގެ އާ ޓެކްނިކަލް ޑިރެކްޓަރު، އިންގްލެންޑުގެ ޕޯލް ސްމޯލީ ތައާރަފު ކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބައްސާމް ވިދާޅުވީ، މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމާ އެކު އިތުރު ކޮންޓްރެކްޓެއް އޭނާއަށް ނުދޭން ނިންމާފައިވާ ކަމަށެވެ. މިއަހަރު ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ވެސް މުހިއްމު މެޗުތަކެއް އޮތް ކަން ފާހަގަކުރައްވާ ބައްސާމް ވިދާޅުވީ، މިވަގުތު އެފްއޭއެމްގެ ވިސްނުން ހުރީ އާ ކޯޗަކަށް ޓީމު ހަވާލު ކުރުމުގެ ބަދަލުގައި، މިހާރުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭނާ އާއެކު ކުރިއަށް ދާން ކަމަށެވެ.

މިހާރުގެ ކޯޗުގެ ކޮންޓްރެކްޓް ހަމަވާނެ އޮގަސްޓްގެ ނިޔަލަށް. އެއަށް ފަހު އަޅުގަނޑުމެންގެ ވިސްނުމަކީ ކޯޗުގެ ކޮންޓްރެކްޓް އާ ނުކުރުން،
ބައްސާމް

މޮރިއޭރޯ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މޮރިއޭރޯ އާ ގައުމީ ޓީމު ހަވާލު ކުރުމުގެ ކުރިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމު ނުކުތީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.

މިދިޔަ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް އެފްއޭއެމްގެ ގިނަ މައްސަލަތައް ފެންމަތިވެގެންދިޔައިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެއާއެކު "ސޭވް އެފްއޭއެމް" ސްލޯގަންއާއެކު މިހާރު ވަނީ ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިނަކީ ސާފް ޗެމްފިއަންޝިފުގައި ގްރޫޕު ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ މިފަހަރު ކެޓުމާއި ގުޅިގެން، ފުޓްބޯޅައިގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާ ބޭފުޅުންތަކެއް އެއްވެގެން ފެށި ކެމްޕެއިނެކެވެ.

މީގެ 26 އަހަރު ކުރިން ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ކުޅެން ފެށި ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެ މުބާރާތުގެ ސެމީއަށް ނުގޮސް ވަނީ ކަޓާފައެވެ.