މާލޭގައި ހަށިވިއްކަމުން ދިޔަ ކަމުގައި ތުހުމަތުގައި ދިވެހި ދެ ފިރިހެނަކާއި، ބިދޭސީ ތިން އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭގައި ހަށިވިއްކަމުންދިޔަ އަލޯރާ ސްޕާގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން މިމަހު 20 ވަނަ ދުވަހުގެ ރޭ ސްޕެޝިއަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކް ޑިޕާޓްމެންޑާއި އިންޓަލިޖެންސް އަދި މޯލްޑިވަސް އިމިގްރޭޝަންއާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި 34 އަހަރުގެ ބިދޭސީ 2 އަންހެނަކާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރު އަދި 39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބާ ކަމަށެވެ.

މީގެ ތެރެއިން ދިވެހި ދެ ފިރިހެނުންގެ ތެރެއިން 39 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ބިދޭސީ ތިން އަންހެނުންގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.