ރަޝިއާ ފަހަތަށް ޖެއްސުމަށް މިވަގުތަށް ކޮންމެހެން ބޭނުންވާ ހަތިޔާރެއް ކަމަށް ބުނެ އެމެރިކާއިން ދިން ކްލަސްޓާ ބޮން ޔޫކްރައިނުން ބޭނުން ކުރަން ފަށައިފި ކަމަށް އެމެރިކާއިން ބުނެފިއެވެ.
ވައިޓްހައުސްގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައި ވަނީ، ޔޫކްރައިނުން އެ ބޮން ބޭނުން ކުރަނީ އެންމެ އެދެވޭ ގޮތުގައި ކަމަށާއި މަޑުމަޑުން ނަތީޖާ ފެންނަމުން ދާ ކަމަށެވެ.
މިކަމުގައި ޔޫކްރައިންގެ އޮފިޝަލުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު، ހަނގުރާމައިގެ މަޝްރަހުން ލިބޭ ބައެއް ހަބަރުތަކުން އެނގޭ ގޮތުގައި، ރަޝިއާއިން ދިފާއު ގާއިމު ކޮށްގެން ތިބި 63 މަގާމެއްގެ ތެރެއިން 36 މަގާމަކަށް ޔޫކްރައިން ސިފައިން ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާތަކުގައި ކްލަސްޓާ ބޮން ބޭނުން ކުރިކަން ސާފު ނުވާ އިރު ޔޫކްރައިނުން ބުނެފައި ވަނީ ޑްރޯން އާއި މިސައިލް ބޭނުން ކުރި ކަމަށެވެ.
ކްލަސްޓާ ބޮމަކީ ބޮޑު ބޮމެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުދި ބޮން ހިމަނާ ތައްޔާރު ކޮށްފައި އޮންނަ ބޮމެކެވެ. އެ ބޮން ވައްޓާލުމުން ގޮވައިގެން ދާއިރު ކުދި ބުންތައް މާދުރަށް ބުރަބުރައިގެން ގޮސް އާންމުކޮށް މިހުންނަ ސައިޒުގެ ފުޓްބޯޅަ ދަނޑެއްހާ ވަރުގެ ސަރަހައްދެއްގައި ރޯވެ އަނދައެވެ. ނުވަތަ ގޮވައިގެން ދެއެވެ.
ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ ޖަރުމަނާއި ފްރާންސް އަދި އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން ކްލަސްޓާ ބޮމަކީ އެ ބޭނުން ކުރުން 120 ގައުމަކުން މަނާކޮށްފައި އޮންނަ ބޮމެކެވެ. އޭގެ ގެއްލުން ބޮޑުކަމާއެކު ބޭނުން ކުރުން މަނާކުރަން އެކުލަވާލި މުއާހަދާގައި ސޮއި ނުކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ރަޝިއާ އަދި ޔޫކްރައިން ހިމެނެއެވެ.
ޔޫކްރައިން ހަނގުރާމަ ފެށުުނު ހިސާބުގައި [2022 ގެ އޭޕްރީލް] ހާ ތާނގައި ރަޝިއާއިންވެސް ކްލަސްޓާ ބޮން ބޭނުން ކުރިއެވެ. އެމެރިކާ އާއި ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނެފައި ވަނީ، ރަޝިއާއިން އެ ބޮން ބޭނުން ކުރި އިރު އާންމުންނަށް ވެސް އަމާޒުވެގެން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު ޔޫކްރައިނުން އެ ބޮން ބޭނުން ކުރާ އިރު ހަމަ އެކަނި އަމާޒު ކުރާނީ ޔޫކްރައިނަށް ހަމަލާދޭ ރަޝިއާ ސިފައިން ގާއިމުވެ ތިބޭ މަގާމުތަކަށް ކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާއިން ޔޫކްރައިން އަށް އެ ބޮން ދިނުމާ ބައެއް ގައުމުތަކުން ދެކޮޅު ހަދާފައި ވަނިކޮށް ބޮން ދީފައި ވުމުން، ރަޝިއާއިން ބުނެފައި ވަނީ، ރަޝިއާގެ އަތުގައި ވެސް ކްލަސްޓާ ބޮން އަދި ގޮވާތަކެތި އެބަހުރި ކަމަށާއި ޔޫކްރައިނުން އެ ބޭނުން ކޮށްފި ނަމަ ރަޝިއާއިން ރައްދު ދޭނެކަމަށެވެ.