ރޭ ދަންވަރު ވާރޭވެހެން ފެށިގޮތަށް ހުއްޓާނުލުމުގެ ސަބަބުން މާލޭގެ މާފަންނުން ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެއެވެ.
މާލެއަށް ވާރޭ ވެހިއްޖެ ނަމަ އާންމުގޮތެއްގައި ފެން ބޮޑުވަނީ އަމީނީ މަގުގައި ކަމަށްވިޔަސް މިއަދު މާލޭގެ މާފަންނުން ގިނަ މަގުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. އަދި މަޖީދީ މަގުގެ ބޮޑު ސަރަހައްދެއްގައިވެސް ވަނީ ފެން ބޮޑުވެފައެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި ކަމަށެވެ. އަދި މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މާލޭގައި ފެން ބޮޑުވެފައި ވާއިރު މާލެ ހިމެނޭހެން ހަތަރު އަތޮޅަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން ކ އަތޮޅުން މ އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:10 އިން މެންދުރުފަހު 2 ޖެހުމާ ހަމައަށެވެ. އަދި އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވޭނެ ކަމަށް ލަފާކޮށެވެ.
ރޭ ދަންވަރު މާލެއަށް ވާރޭވެހެން ފެށި ނަމަވެސް ދޭތެރެ ދޭތެރެއިން ވާރޭ ހުއްޓާލައެވެ.
މީގެ ކުރިންވެސް މާލެގައި ފެން ބޮޑުވެ ގެތަކާއި ފިހާރަތަކަށްވެސް ގެއްލުން ލިބިފައި ވާއިރު ފެން ހިންދުމަށް ބޭނުންކުރާ ޕަންޕު ސުވިޗް އޮން ނުކޮށް ގިނަ އިރުތަކެއް ވަންދެން ބަހައްޓާ ކަމުގެ ޝަކުވާތަކެއްވެސް ކުރިމަތިވިއެވެ.