ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ކޮންމެ މީހަކު އީސީއިން އެންގުމުން އެއްލައްކަ ރުފިޔާ ދައްކަން ޖެހޭ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން އިދާރީ ފީއެއްގެ ގޮތުން އެއްލައްކަ ރުފިޔާ ދައްކަންޖެހޭ ކަމަށާ އެއީ ޑިޕޮޒިޓް ފައިސާއެއް ނޫން ކަމަށެވެ. އަދި އެ ފައިސާއަކީ ކެންޑިޑޭޓަށް އަނބުރާ ލިބޭނެ އެއްޗެއް ނޫން ކަމަށާއި އެ ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ ފައިސާ ދައްކަން ހަމަޖައްސާފައިވާ ނިޒާމްގެ ތެރެއިން އީސީ އިން ފައިސާ ދައްކަން އެންގުމުން ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުން އެ މީހަކަށް ތާއީދުކުރާކަން ދައްކައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ދާއިމީ އެޑްރެހާއި އަދި ސޮއި ހިމެނޭ ލިޔުމެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ހަބީބް ވިދާޅުވީ އެ ލިޔުމަކީ ސައްހަ ސޮއި ހިމެނޭ އަދި މައުލޫމާތު ފުރިހަމަވެފައިވާ ލިޔުމަކަށް ވާންވާނެ ކަމަށެވެ. އަދި އެ ލިޔުން މާދަމާއިން ފެށިގެން އީސީ އިން ލިބޭނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ ލިޔުމުގައި ސޮއިކުރާ 1500 މީހުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.