އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު ކޮށްޕާލައި ވައްޓާލި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އިދިކޮޅު އެންމެ ބޮޑު ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި ކުރި ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރަން ރާއްޖޭގެ ބައެއް މީޑިއާތަކުގެ ނޫސްވެރިންނާއި ފޮޓޯގްރާޕަރުން އެތަނުގައި ތިބި އިރު، ފުލުހުން ވަނީ ނޫސްވެރިންނަށް ހުރަސް އަޅާފައެވެ.

ސޯޝަލް މީޑއާގައި އާންމުވި ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ދުރަށް ޖައްސަން އުޅުމުގެ ތެރެއިން، އެ ތަނުގައި ހުރި ފުލުހަކު ވަނީ ނޫސްވެރިން ކޮއްޕާ ވައްޓާލައިފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނާމެދު އަމަލު ކުރި ގޮތް ބަލަމުންދާ ކަމަށެވެ.

މިއަދުގެ މުޒާހަރާ ކަވަރު ކުރަން ގޮސް ތިބި ނޫސްވެރިންނަށް އެސްއޯ ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރަމުންދާއިރު ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޖުމްހޫރި މައިދާނަށް އެއްވި ޕީޕީއެމްގެ ލީޑަރުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޕީޕީއެމުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ޝިޔާމާއި، އާދަމް ޝަރީފާއި ސައީދާއި، ޝުޖާއުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި، ހުޅުމާލެ ކައުންސިލަރު ޝުޖާއާއި މާލެ ސިޓީ ކައުންސިލަރު އަހްމަދު އައިފާން ކަަމަށެވެ. މީގެ އިތުރުން ވެސް އިތުުރު މީހުން ހައްޔަރު ކުރި ކަމަށް ޕީޕީއެމުން ބުނެއެވެ.