ސަން ކޮންސްޓްރަކްޝަން ކުންފުންޏަށް ޑޮލަރު ޖަމާކުރުން ދިން ޗެކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިވެހި ރުފިޔާއިން ދައްކަން ޖެހޭ ފައިސާ ދައްކާފައިވާ ކަމަށް ބުނެ ދިން ފައިސާ ރަސީދުގައި ވެސް އޮތީ ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލުމަށްފަހު އަނބުރާ ގެންދިޔަ އަހުމަދު ކްރިކް ރިޒާގެ ނަމާއި ސޮއި ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.
މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސްނަގާފައިވަނީ ސަން ކޮންސްޓްރަކްޝަން ކޮންފުނީގެ އޭރުގެ ފައިނޭންސް ޑިރެކްޓަރު ސްރީލަންކާގެ ސްރީތަކުމާރުގެއެވެ. އޭނާ ހެކިބަސްދީފައިވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ހާޒިރުވެގެންނެވެ.
ސްރީތަކުމާރު ހެކިބަސްދެމުން ބުނީ ޑޮލަރު މާރުކުރަން ޖެހޭކަން އޭނާއަށް އެނގީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ކަމަށާއި އެއަށްފަހު އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފާއި އިތުރު މީހަކު އޭނާއާ ބައްދަލުކޮށް ޗެކު ހަވާލުކުރި ކަމަށެވެ.
އެ ޗެކު ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް ޖަމާކުރި ނަމަވެސް އެ ކުންފުންޏަކީ ކަރެންސީ އެކްސްޗޭންޖުގެ ލައިސެންސް އޮތް ކުންފުންޏެއް ނޫން ކަމުން އެ ފައިސާ ސަން އިންވެސްޓްމަންޓްގެ އެކައުންޓަށް ޓްރާންސްފާ ކުރި ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ. އަދި އެއީ ކިހާ އަދަދެއްގެ ޗެކެއްކަން މިހާރު ބުނަން ސީދާ ހަނދާން ނެތް ކަން ފާހަގަކުރަމުން ހެކިވެރިޔާ ބުނީ އެ ޗެޖުގައި އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުންނާނެ ކަމަށެވެ.
އިންޓަނެޓްގެ މައްސަލަތައް ދިމާވެ މިއަދުގެ އަޑުއެހުމުގައި އެ ހެކިވެރިޔާގެ ހެކިބަސް އެއްކޮށް ނަގާ ނިމިފައި ނުވާއިރު ޝަރީއަތުން ވަނީ ދެން އޮތް ބައި އެހެން ދުވަހަކަށް ގެންދިއުމާ މެދު ދައުލަތުން ގޮތެއް ނިންމުމަށް އެދިފައެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަހުމަދު އާމިރު ހެކިބަސްދެމުން ވަނީ އަހުމަދު އަދީބާއެކު އެމްއެމްޕީއާރްސީ އޮފީހަށް އޭރު ގޮސް އުޅުނު ކަމަށާއި ފުއްގިރި މުއާމަލާތުގެ ތެރެއިން އެތަނުގައި ބޭއްވި ބައްދަލުވުމެއް ފެނުނު ކަމަށް ބުނެފައެވެ. އަދި ފެނުނު ގޮތް ކިޔައިދެމުން އާމިރު ބުނީ އެ ދުވަހު އަދީބުގެ ކާރުކޮޅުގައި ދަބަހެއް ބޭއްވިފައި އޮތުމުން އެ ދަބަހެއް ނަގައިގެން ގެނެސްދޭން އޭނާ އެދުނު ކަމަށާއި އެ ދަބަސް ދޭން ވެގެން ބައްދަލުވުން އޮތް މީޓިން ރޫމަށް ވަންނަން ޖެހުނު ކަމަށެވެ.
އެ މީޓިން ރޫމަށް ވަންއިރު ކްރިކް ރިޒާއާއި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުއާއި ޝިފާއު ކިޔާ މީހަކާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ކޮއްކޮ ސާލިމް އަދި އަބްދުﷲ ޒިޔަތު އެތިބި ކަމަށް އާމިރު ވަނީ ކިޔައިދީފައެވެ.
މިއަދުގެ އަޑުއެހުމުގައި އެ މީޓިން ރޫމުގައި އޭރުއިން މުހައްމަދު ޝިފާއު ހެކިބަސް ނެގުމަށް ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓްއަށް ހާޒިރުކުރި ނަމަވެސް ދިފާއުން ވަނީ ސައޫދީގައި އެމްބަސީ ހުއްޓައި ކޮންސިއުލޭޓް މެދުވެރިކޮށް ހެކިބަސް ނަގާތީ އެކަމަށް އިއުތިރާޒު ކޮށްފައެވެ.
ދިފާއުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހަވާލާދީ، ހެކިބަސް ދޭ މީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައި ކޮމިޝަނެއް ގާއިމުވެފައިވާ ގައުމެއްގައިނަމަ ހެކިބަސް ނަގާނީ އެ މީހަކު އެތަނަކަށް ހާޒިރުކޮށް އެމްބަސީ ނުވަތަ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހު ކަމަށް ބުނެފައެވެ.
އެއާއެކު ދައުލަތުން ވަނީ ކޮންސިއުލޭޓަކީވެސް ހައިކޮމިޝަނެއް ނުވަތަ އެމްބަސީއެއްގޮތަށް ރާއްޖޭގެ ގާނޫނު ހިނގާ ތަނެއް ކަމަށް ބުނެފައެވެ. އަދި ކޮންސިއުލޭޓުގެ ފަރާތުން ވާހަކަދެއްކެވި ފަރާތަކީ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ. އެހެންނަމަވެސް ޝަރީއަތުންވެސް ވަނީ ޝިފާއުގެ ހެކިބަސް ކޮންސިއުލޭޓު މެދުވެރިކޮށް ނުނެގުމަށް ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހެކިބަސް ނަގަމުން ދާއިރު އެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.
އެހެންނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ ޖެހިޖެހިގެން 5 ފަހަރު އަޑުއެހުން ކެންސަލު ކޮށްފައި ވާއިރު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައި ވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމާއެކު މިއަދު ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ކްރިކް ރިޒާގެ ބައި އުނިކުރުމަށް ފަހުއެވެ.