ބޮލީވުޑްގެ ކާމިޔާބު ޖޯޑު ކަމަށްވާ ކެޓްރީނާ ކައިފް 40، އާއި ވިކީ ކޯޝަލް 35، ގެ ލޯބީގެ ވާހަކައަކީ މިހާރުވެސް މީޑިއާތަކުގެ ފަލަ ސުރުހީގައި ހިމެނޭ ވާހަކައެކެވެ.
އިންޖިނިއަރިންގެ ޑިގްރީއެއް ހަދައިގެން ފިލްމީ ދާއިރާ އަށް 2012 ވަނަ އަހަރު ވަން ވިކީ އޭރު އާންމުންގެ މެދުގައި އެހާ މަޝްހޫރެއް ނޫނެވެ. ފިލްމުތަކުގެ ކުދި ކުދި ރޯލުތަކުން ފެނިގެންދާ ވިކީގެ ފުރަތަމަ ލީޑު ފިލްމަކީ ވެސް 2015 ވަނަ އަހަރު ނުކުތް ފިލްމު "މަސާން" އެވެ. އޭގެ ފަހުން ފިލްމުތަކުން މަދުމަދުން ޖާގަ ލިބެމުން އަންނަ ވިކީގެ ކެރިއަރުގެ ޓާނިން ޕޮއިންޓަކަށް ވީ އޭނާ ކުޅުނު ފިލްމު "ރާޒީ"އެވެ. ފިލްމު "ރާޒީީ" އަދި "ސަންޖޫ" ގައި އޭނާ ކުޅެދީފައިވާ ރޯލުތަކުން އާންމުންގެ އިތުރުން ކްރިޓީކުންގެ މަގްބޫލުކަން ވެސް ވިކީ އަށް ލިބެމުން ދިޔައެވެ. އަދި އެކްޓަރަށް ފުލުފުލުގައި ފިލްމުތަކުން ޖާގަލިބެން ފެށިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި މަގްބޫލުވިއެވެ. މިއަދު ވިކީ އަކީ ބޮލީވުޑްގެ އެންމެ މަތީ ފަންތީގެ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ.
ހޮންގްކޮންގް އަށް އުފަން ކެޓްރީނާ ކައިފް އަކީ ބޮލީވުޑުގަައި ފައިތިލަ ޖައްސާލުމުގެ ކުރިން މޮޑެލް ކުރުމުގައި އަރާހުރި މީހެކެވެ. ލަންޑަންއަށް ދިރިއުޅުން ބަދަލުކުރުމުގެ ކުރިން އެކި ގައުމުތަކުގައި ކެޓްރީނާ ދިރިއުޅުނުއިރު އޭނާއަށް ލިބުނު ފުރަތަމަ ވަޒީފާއަކީ ޓީނޭޖް މޮޑެލް އަކަށް ވުމުގެ ފުރުސަތެވެ. އެ ފުރުސަތުގެ ބޭނުން ހިފައިގެން ފެޝަން މޮޑަލަކަށް ކެޓްރީނާ ވެގެން ދިޔައިރު ބޮލީވުޑް ފިލްމަކުން ބަތަލާ އަށް ފުރުސަތު ލިބުނީ އޭރު ލަންޑަންގައި އޮތް ފެޝަން ޝޯއަކުންނެވެ. ފެޝަން ޝޯގައި އިންޑިއާގެ ފިލްމު މޭކާ ކައިޒަދް އަށް ކެޓްރީނާ ފެނި 2003 ވަނަ އަހަރު ނުކުތް ފިލްމު "ބޫމް" ގެ ރޯލެއް ބަތަލާ އަށް ދިނެވެ. ނަމަވެސް އެ ފިލްމު ވެގެންދިޔައީ ބޮޑު ފްލޮޕަކަށެވެ. އޭރު އިންޑިއާއަށް ދިރިއުޅުން ބަދަލުކޮށް އިންޑިއާގައި މޮޑެލިން ކެރިއަރެއް ފެށިއެވެ. ފިލްމުތަކުގެ ރޯލުތައް ލިބުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އޭނާއަށް ރަނގަޅަށް ހިންދީ ބަހުން އޭރު ވާހަކަ ދައްކަން ނޭނގުމެވެ. ނަމަވެސް އިތުރު ހިތްވަރަކާއެކު މަސައްކަތް ފަށައި ގިނަ ފިލްމުތަކުން ޖާގަ ހޯދަމުން އައިސް ބަތަލާ ކެޓްރީނާ އަކީ މިއަދު މުޅި ބޮލީވުޑްގައި ވެސް އެންމެ އަގުބޮޑު އެއް ބަތަލާއެވެ.
ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރު ސަލްމާން ހާން އާ ލޯބީގެ ގޮތުން ގުޅުނު ކެޓްރީނާ، ސަލްމާން އާ ވަކިވީ ސަލްމާންގެ ހުންނަ ގޮތްގަނޑެއްގެ ސަބަބުން ކަމަށް އޭރު މީޑިއާތަކުން ބުންޏެވެ. ކެޓްރީނާ ކޮންޓްރޯލް ކޮށްގެން ގެންގުޅުމާއި، ފަހުން ފަހުން އެ ގުޅުން ޓޮކްސިކްވި ކަމަށް ރިޕޯޓްތައް ބުންޏެވެ. އެގުޅުމަކީ ކެޓްރީނާގެ ފުރަތަމަ ސީރިއަސް ގުޅުން ވެސް މެއެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ރިލީޒް ކުރި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" އިން އެކްޓަރު ރަންބީރު ކަޕޫރު އާ ދިމާވެ، ދެމީހުން ގުޅުން ބަދަހިވިއެވެ. އެންމެފަހުން ދެމީހުން ލޯބީގެ ގޮތުން ގުޅި 2016 ވަނަ އަހަރު ދެމީހުންގެ ގުޅުމަށް ނިމުމެއް އައީ ރަންބީރު ޗީޓް ކުރުމުންނެވެ. ލޯބީގެ މައިދާނުގައި ދިމާވި ހިތްދަތި ދެ ގުޅުމުގެ ސަބަބުން ކެޓްރީނާ ހުރީ މީހަކާ އިންނަންވެސް ފޫހިވެފައެވެ.
"ކޮފީ ވިތު ކަރަން" ގައި ކަރަން ކުރި ސުވާލަކަށް ޖަވާބުދެމުން ކެޓްރީނާ ބުނީ އޮން ސްކްރީނުން އޭނާ ފެންނަން ބޭނުން ވަނީ ވިކީ އާ އެކު ކަމަށެވެ. އަދި ދެމީހުންގެ ކެމިސްޓްރީވެސް 'ސަޅިވާނެ' ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ. އެކްޓަރު ވިކީ ކޯޝަލް މަޝްހޫރުވެ އެކި މީޑިއާތަކަށް އިންޓަވިއުދެމުން އަައި ދަނޑުވަޅުގައި މަޝްހޫރު ޝޯ "ކޮފީ ވިތު ކަރަން" ގެ މެހެމާނެއްގެ ގޮތުގައި ވިކީ ގެންދިޔައެވެ. އެ ޝޯގައި ކަރަންގެ ސުވާލަކަށް ޖަވާބުދެމުން ވިކީ ބުނީ އޭނާ ބޭނުންވަނީ ކެޓްރީނާ އާ ކައިވެނި ކުރުމަށް ކަމަށެވެ. އަދި އެކަމަށް މެނިފެސްޓް ކުރާ ކަމަށެވެ. ކެޓްރީނާ އާ ގަޔާވާ ކަމަށް އެކްޓަރު ވަނީ އެއްބަސް ވެފައެވެ، އެ ޖަވާބަށް ރައްދުދެމުން ކަރަން ބުނީ ކެޓްރީނާ، ވިކީ އާއެކު ފިލްމެއް ކުޅެން ބޭނުންވާ ވާހަކައެވެ. ވަގުތުން ވިކީ ލަދުރަކިވިއެވެ. ޝޯއެއް ކަމުން އަސްލުވެސް ވިކީ، ކެޓްރީނާ އާ ގަޔާވީ ކަމެއް ނޭނގުނެވެ. ބޮލީވުޑް ތަރިންނަކީ ވަރަށް ސްޓަންޓު ޖައްސާ ތަރިންނެވެ. އެންމެފަހުން އެ ވާހަކަ ހިނދިގެން ދިޔައެވެ. އޭގެ ފަހުން ދެމީހުން ދިމާވީ އެވޯޑް ހަފްލާއެއްގެ ތެރެއިންނެވެ. އެއީ ދެމީހުންނަށް އެކަކު އަނެކަކާ ފުރަތަމަ ދިމާވި ގޮތެވެ. އެވޯޑް ހަފްލާ ތެރެއިން ކެޓްރީނާ ގާތު ވިކީ ކައިވެންޏަށް އެހިއެވެ. އެއީ އެކަމަކު މަޖަލަކަށެވެ. އެކަމަކު ހިތުގައި އޭރުވެސް ކެޓްރީނާގެ ނަން އޮތެވެ. އޭރުވެސް ކެޓްރީނާގެ ހިތުގައި ވިކީ އާ މެދު އެއްވެސް އެއްޗެއް ނެތެވެ. ދުވަހަކުވެސް ވިކީ އާ ގުޅޭނެ ކަމަކަށް ކެޓްރީނާ ހިތަކަށް ނާރައެވެ. ނަމަވެސް މަންޒަރު ބަދަލުވެގެން ދިޔައީ ޒޯޔާ އަހްތަރު ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. ދެމީހުން އެކަކު އަނެކާ ވާހަކަ ދެއްކުމުން ދެމީހުންނަށް ވެސް އެކަކު އަނެކަކާ ގަޔާވެވުނެވެ. ދެމީހުން ވާހަކަ ދައްކަމުން ގޮސް ދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް އެ ވާހަކަ ބޭއްވީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. މީޑިއާތަކަށްވެސް އެވާހަކަ އޮތީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ ފަހުން ދެމީހުން ބޭރުން ގިނަ ގިނައިން ފެންނަމުން ދާންފެށުމުން ޕަަޕަރާޒީންގެ ލޯތަކަށް ދެމީހުން އަމާޒުވެ މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. ނަމަވެސް އޭރުވެސް ދެމީހުން އެކަކު އަނެކަކާ ގުޅިގެން އުޅޭކަމަށް އެއްބަހެއް ނުވެއެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ވަރަށް ޕްރައިވެޓް ހަފްލާއެއްގައި ދެމީހުން ކައިވެނިކޮށް ސޯޝަލް މީޑިއާގައި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށް އެ ގުޅުން ރަސްމީ ކުރިއެވެ.
ދެމީހުން އެކުގައި ދާދިފަހުން ރާއްޖެ އައިސް ކެޓްރީނާގެ އުފަންދުވަސް ވެސް ވަނީ ފާހަގަ ކޮށްފައެވެ. ކެޓްރީނާ އާއި ވިކީގެ ލޯބީގެ ވާހަކައަކީ ބޮލީވުޑްގައި ވަރަށް މަޝްހޫރުވެގެން ދިޔަ ވާހަކައެކެވެ.