އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން، އާރްޑީސީގެ މައި އެކައުންޓުން އެ ކޯޕަރޭޝަންގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް، ވައްކަން ކުރި ކަމަށް ތުހުމަތުކޮށް އެ ހަބަރު ރިޕޯޓުކުރި ބައެއް ނޫސްތަކާ ދެކޮޅަށް އޭނާ އަބުރުގެ ދައުވާ ކުރަން ހުށަހަޅައިފިއެވެ.

އާރްޑީސީގެ އެކައުންޓުން ޔާސިރުގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ވަނީ މީގެ ކުރިން ރިޕޯޓު ކޮށްފައެވެ. އެހެންކަމުން އާރްޑީސީގެ މުވައްޒަފުންގެ އިތުރުން ކުންފުނީގެ ކްލަޔަންޓުންނާ މެދު އުފެދިފައިވާ އިތުބާރު ނަގާލައި ނުބައި ތަސައްވުރެއް ދިނުމަށް ފެތުރި ދޮގު ހަބަރުތަކެއް ކަމަށް ބުނެ ޔާސިރު، އަބުރުގެ ދައުވާ އުފުލާފައި ވަނީ "މިހާރު" ގެ އިތުރުން "ދިޔަރެސް" ނޫހަށެވެ.

އެކަމާ ގުޅިގެން ޔާސިރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އާރްޑީސީގެ ފައިސާއާ ބެހޭ ހުރިހާ މުއާމަލާތެއް 2020ވަނަ އަހަަރުން ފެށިގެން ކުރަމުން އަންނަނީ އެކައުންޓިންގެ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން، ނިންމަންޖެހޭ ހުރިހާ އޮޑިޓްތައްވެސް ނިންމާފައި ވާނެކަމަށާއި އޮޑިޓްތަކުން ވެސް މިފަދަ މުއާމަލާތެއް ހިނގާފައިވާކަން އެނގިފައި ނެތްކަމަށެވެ.

އަދި ކުންފުނީގެ ސީއެފްއޯގެ މަގާމުގައި ހުރި ނަމަވެސް އާރްޑީސީގެ އެކައުންޓުން ފައިސާ ނަގައި ފައިސާގެ މުއާމަލާތެއް ކުރުމުގެ ހުއްދަ އޭނާއަށް ނޯންނަކަމަށާއި ކުންފުންޏަށް ބޭނުންވާ ފައިސާ ކުންފުނީގެ އެކައުންޓުން ނަގައި އެކަމުގެ މުއާމަލާތް ކުރަނީ އެކަމަށް ހާއްސަ މުވައްޒަފުން ކަމަށްވެސް އޭނާ ބުނެއެވެ.

"ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏާ ގުޅޭ އެއްވެސް ނަގުދު ފައިސާއެއް އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެއް ނުވާނެ" ޔާސިރުގެ ބަޔާނުގައި ވެއެވެ. އަދި މިއީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބަޔަކު ކޮށްފައިވާ ތުހުމަތުތަކެއް ކަމަށާއި މި މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ޔާސިރު ވުނެއެވެ.

އާރްޑީސީއާ ގުޅޭ ގޮތުން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.