މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ޝަމްއާން އަބްދުއްޝަކޫރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަވެސް ޖަހާފައިވަނީ 15 ދުވަހެވެ. ބަންދުގެ މުއްދަތު މިއަދަށް ހަމަވެ ކޯޓަށް ގެންދިއުމުން ބަންދުގައި ބަހައްްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް އިތުރު 15 ދުވަސް ވަނީ ޖަހައިފައެވެ.
އީދު ދުވަހުގެ ފަތިހު ހިނގި މި އެކްސިޑެންޓަކީ ފަތިސް ނަމާދަށް ފަހު ހަފީޒް ގެއަށް ވަޑައިގަންނަވަނިކޮށް ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓަށް ފަހު އޭނާ އަށް ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާއަށް ހަފީޒް އިންޑިއާއަށް ފުރުވާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 22 އަހަރުގެ ޒުވާނާގެ އަތުގައި ލައިސަންސް ނެތް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. އަދި ސައިކަލް ދުއްވަން އިން މީހާ ހައްޔަރު ނުކޮށް ގިނަ ދުވަސް ވުމުން އާންމުންގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވެފައިވެއެވެ. އެކަމާގުޅިގެން ފުލުހުން ބުނީ އޭނާ ހައްޔަރު ކުރުން ފަސްކުރީ އެކްސިޑެންޓްގައި އޭނާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމާއެކު ފަރުވާދެމުން ދިއުމާގުޅިގެންކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް ވަނީ 18 އަހަރު ކިޔަވައި ދިނުމުގައި ހޭދަކޮށްފައެވެ.