މީގެ ކުރިން ޖުމްހޫރީ ޕާޓީން ދިން ދައުވަތު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގަބޫލު ކުރިނަމަވެސް ފަހުން އެކަމަަށް އިޖާބަ ދީފައި ނުވާ ކަމަށް އެ ޕާޓިން ބުނެފިއެވެ.

ޕީޕީއެމްގެ އިތުރުން އެމްއާރުއެމް އާ ވާހަކަ ދައްކައިގެން އެންމެނަށް ރުހެވޭނަމަ 1 ކެންޑިޑޭޓަކު ނެރެން ޑިމޮކްރެޓްސް އާއި އެމްއެންޕީ އަދި ޖޭޕީން މިއަދު އެއްބަސް ވުމާ ގުޅިގެން އެކަމުގައި އެމްއާރްއެމްގެ ހިޔާލު ހޯދުމަށް "ދަ ޕްރެސް" އިން ސުވާލު ކުރުމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ، މިއަދުގެ މަޝްވަރާތަކާ ގުޅޭ ގޮތުން އެ ޕާޓީގެ ލީޑާޝިޕް އިން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި މީގެ ކުރިން ޖޭޕީން ދިން ދައުވަތު ގަބޭލުކޮށް ސިޓީ ފޮނުވާފައި ވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން ހަބަރެއް ނުވާ ކަމަށްވެސް އަލީމް ވިދާޅުވިއެވެ.

މިއަދު ޖޭޕީ ރަސްމީ އޮފީސް، ކުނޫޒުގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕީޕީއެމް އާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް މިއަދު އެއްބަސްވެވިފައި ވާ ކަމަށެވެ.

މިއަދު 3 ޕާޓީގެ ބައްދަލުވުމަށް ފަހު ގާސިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

މިއަދު 3 ޕާޓީން ޕީޕީއެމްއާވެސް މަޝްވަރާކޮށް އެއް ކެންޑިޑޭޓެއް ނެރުމުގެ ވާހަކަ ބުނެފައިވީ ނަމަވެސް ޕީޕީއެމް އިން ބުނަމުން ދަނީ އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅާފައި ވާ ކަމަށާާއި އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ނަމަވެސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމުގެ އިސްތިއުނާފު މަރުހަލާ ހުއްޓިފައި އޮތުމުން، އިންތިހާބުގެ ކުރިން މިނިވަންވެވަޑައިގެން އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެއްދެވި ކޯލިޝަންގައި އެމްއާރުއެމް އިން ބައިވެރިއެއް ނުވެއެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައި ހުރި ގޮތަށް ބަލާއިރު، މެންބަރުން އެންމެ ގިނަ 2 ޕާޓީއަކީ އެމްޑީޕީ އާއި ޕީޕީއެމްއެވެ. ދެން ހުރި ޕާޓީތައް ވަކިން އިންތިހާބަށް ނުކުމެގެން ފުރަތަމަ ބުރުގައި 1،2 އަށް އަންނާނެ ކަމަކަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.

އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމަށާއި ދެވަނަ ބުރަކަށް ދާނަމަ ކުރަން ޖެހޭ ހަރަދު ދެގުނަ ވިޔަ ނުދިނުމަށް އެންމެނަށް އެއްބަސްވެވޭ 1 ކެންޑިޑޭޓަކު ނެރުމަކީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ވާނެ ފޯމިއުލާއެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.