ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް އެކުގައި ބާއްވާ ބައްދަލުވުން ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދަނީ ޖޭޕީގެ ހެޑްކުއާޓާސް، މާފަންނު ކުނޫޒްގައެވެ. ޖޭޕީން ބުނީ މިބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރުމަށް ބާއްވާ ހާއްސަ ބައްދަލުވުމެއް ކަމަށެވެ.

ނަޝީދާއި ގާސިމް އަދި ނާޒިމް ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޖޭޕީ
ނަޝީދާއި ގާސިމް އަދި ނާޒިމް ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޖޭޕީ

ނާޒިމް އާއި ގާސިމް ވަނީ އިއްޔެ ސަން އައިލެންޑު ރިސޯޓުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމާ ގުޅޭ ތަފްސީލް ނުދެއްވި ނަމަވެސް ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ވިދާޅުވެފައި ވަނީ މި ބައްދަލުވުމަކީ ވަރަށް ހާއްސަ ބައްދަލު ވުމެއް ކަމުގައެވެ.

ގާސިމް އަދި ނާޒިމް ބައްދަލު ކުރައްވާފައި ވާއިރު 2 ޕާޓީއިން ވެސް އަންނަނީ ރިޔާސީ ކެނޑިޑޭޓެއް ނެރެ ކެމްޕެއިން ކުރަމުންނެވެ. ގާސިމް ވަނީ ކޯލިޝަން ހެއްދެވި ނަމަވެސް ރިޔާސީ ކެންޑިޑޭޓެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވަނީ މީގެ ކުރިން ވެސް ނަޝީދާ އެތައް ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައެވެ. ނަޝީދު ގާސިމް އާ ބައްދަލު ކުރައްވާއިރު ޑިމޮކްރެޓްސްއިން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވަނީ ބުނެފައެވެ.

ގާސިމަކީ ބަރުލަމާނީ ނިޒާމާ ފާޅުގައި ދެކޮޅަށް ވާހަކަ ދައްކަވާ، އަދި ނަޝީދު އެ ނިޒާމެއްގެ ވާހަކަ ދައްކަވާތީ އެކަމާ ދެކޮޅަށްވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ.