ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިތުރު ފުރުސަތެއް ދޭން އީސީ އިން ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކޮމިޝަނުުން ކަނޑައަޅާފައިވާ ސީލިން އާ އެއްގޮތަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 ފަރާތަކުން ރީ ރަޖިސްޓްރޭޝަން ފޯމު މިދިޔަ ހޯމަ ދުވަހުން މި މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، މިހާތަނަށް ވޯޓުފޮށްޓެއް ބެހެއްޓުމަށް ބޭނުންވެގެން އެދިފައިނެތް 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން ކޮމިޝަނުން މިއަދު ނިންމައިފި ކަމަށެވެ.

އަދި އެކަން ޓޫރިޒަމް މިނިސްޓްރީއަށް ވެސް މިހާރު އަންގާފައިވާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އީސީއިން ބުނީ މި ފަހަރުގެ އިންތިހާބުގައި 78 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި ރިސޯޓުތަކުގެ ތެރެއިން 69 ރިސޯޓަކުން، އެ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓާ ކައިރި ރަށްރަށަށް ވޯޓު ލެވޭނެ ގޮތް ހެދުމުގެ ފުރުސަތު މުވައްޒަފުން ފަހިކޮށްދޭނެ ކަން އަންގާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.