ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ހުންނާނެ ކަމަށާ އެކަމަކު އޭގެ މާނަ އަކީ ސަރުކާރުން ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނޫންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް ސޯލިހް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވުމާ ގުޅިގެން އެ ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މި ގޮތުން ރައީސް ސޯލިހް ވިދާޅުވީ އެއްވެސް މުއައްސަސާއަކުން އެއްވެސް މީހަކަށް ގެއްލުމެއް ލިބޭކަމުގައި ވަނީ ނަމަ، އެކަން ބަލައި ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.

"އެގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރާނަން. އެކަމަކު އޭގެ މާނައަކީ ޝަރީއަތުގެ ތެރެއަށް އަޅުގަނޑު ބާރު ފޯރުވުމެއް ނޫން،"ރައީސް ވިދާޅުވިއެވެ

ރައީސް ޔަމީންގެ ޝަރީއަތަށް އިޝާރާތް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެ މަނިކުފާނުގެ ޝަރީއަތެއް މީގެ ކުރިން ވެސް ދަށު ކޯޓުން ފެށިގެން އެކި މަރުހަލާތަކުގައި ނިމިއްޖެ ކަމަށާ ސަރުކާރުން ކޯޓުތަކުގެ ނިންމުންތަކާ ނުބެހޭ ކަމަށެވެ. އަދި ކޯޓުތަކުން ނިންމާ ނިންމުންތައް ސަރުކާރުން ގަބޫލު ކުރާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ޖުޑިޝަރީގެ މަސައްކަތް މިނިވަންކަމާއެކު ކުރިއަށް ދާކަމަށެވެ.

ސަރުކާރުން ޖުޑިޝަރީއަށް ދިމާވާ އިދާރީ ގޮންޖެހުންތަކުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ ހިންގުމުގައި ދިމާވާ ދަތިތަކާއި މުވައްޒަފުންގެ ދަތިކަން އަދި ބަޖެޓުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެހީތެރިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ޖުޑީޝަރީ ކުރިއަށް ދާ ގޮތާ އަދި މައްސަލަތައް ނިމޭ މުއްދަތާ ދޭތެރޭ ގޮތް ނިންމާނީ ޖުޑިޝަރީން ކަމަށެވެ.