އަންނަ ރިޔާސީ އިންތިހާބުގައި އަލަށް އުފެއްދި ޑިމޮކްރެޓްސް އަކީ ޗެލެންޖެއް ނޫން ކަމަށާއި ވާދަކޮށްލެވޭ ވަރު ވާނީވެސް ޕީޕީއެމް އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރު މ އަތޮޅަށާއި ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ފުލިދޫގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އިޝާރާތް ކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އަކީ ޗެލެންޖެއްް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިހާބުގައި ވާދަވެރި ދެ ޕާޓީއަކަށް ވެެގެންދާނީ އެމްޑީޕީއާއި ޕީޕީއެމް ކަމަށާއި އެއަށް ތަފާތެއް އައިސްފައި އޮތް ތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފޫވައް ވެއްޓިފައިވާ ކަމަށާއި ޕާޓީ ރޫޅާލައްވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއާ ވަކިވެގެން ލީޑާޝިޕުންވެސް މީގެ ކުރިން ބައެއް ބޭފުޅުން ވަޑައިގެންފައިވާ ކަމަށާއި އެހެންނަަމަވެސް އެމްޑީޕީ އަބަދުވެސް ކުރިއަށްދާ ކަމަށެވެ. އަދި އެމްޑީޕީ ރޫޅާލުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މ އަދި ވ އަތޮޅުގެ ކެމްޕެއިން ދަތުރުފުޅުގައި ފާހަގަކުރެވުނު އެންމެ ބޮޑު އެއް ކަމަކީ 2018 ވަނަ އަހަރާ ހިލާފަށް ހާއްސަކޮށް މ އަތޮޅުގެ ތާއީދު ކުރިއަށްވުރެ އިތުރުވެފައި އޮތްތަން ކަމަށެވެ. އަދި ވ އަތޮޅަކީ 2018 ގައި މެޖޯރިޓީ ލިބުނު އަތޮޅެއް ކަމަށާއި އެއަކަށް މާ ބޮޑު ބަދަލެއް އައިސްފައިވާތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއްވެސް މީހަކު ޕާޓީއާ ދުރަށް ދިއުމަކީ އެއިން ނަތީޖާއަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް ބޭނުންފުޅު ވެވަޑައިގަންނަވަނީ ކުރިންވެސް ތިބި ގޮތަށް އެއް ވިސްނުމެއްގައި އެންމެން ތިބެ ކުރިއަށް ދިއުމަށް ކަމަށެވެ. އަދި ކޮންމެ މީހަކު ޕާޓީއިން ދުރަށް ދިއުމަކީ ގެއްލޭ ވޯޓެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަނީ ގެއްލޭ ވޯޓު އެހެން ގޮތް ގޮތުން ހޯއްދަވަން ކަމަށާއި ގެއްލިގެން ދިޔަ އަދަދާ އެއްވަރަށް ނުވަތަ އެއަށްވުރެ ގިނައިން ވޯޓު ލިބޭތަން ފެނިވަޑައިގަންނަވާ ކަމަށެވެ.