ސިޔާސީ މަންފާއަށް ކޮންމެފަދަ ކަމެއް ވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވަފާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ އިމްރާންގެ އަމިއްލަ ޕާޓީގައި (އަދާލަތު ޕާޓީގައި) ހުކުރު ހަމަނުވާ ކަމަށެވެ. އަދި ތޮށިގަނޑެއް ހިއްޕަވައިގެން އެހެން ޕާޓީތަކުގެ ވާހަކަ ނުދެއްކެވުން މާ ރަނގަޅުވާނެ ކަމަށެވެ. ހުކުރު ހަމަނުވާ މިސާލަކީ، ހުކުރު ހަމަވަނީ 40 މީހުން ހަމަވެގެން ކަމަށް ބުނެ އުޅޭ އުޅުމާ ގުޅުވާ ޖަހާ މިސާލެކެވެ.

އިމްރާނަކީ ޓެރަރިޒަމްއަށް ހިތްވަރު ދެއްވައި ޓެރަރިޒަމްގެ އަމަލު ހިންގެވުމުގެ ތާރީހެއް އޮތް ބޭފުޅެއް ކަމަށާއި އިމްރާން ދައްކަވާ ވާހަކައިން މީހަކު ހައިރާނެއް ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ސޯލިހްގެ ކެމްޕެއިން ޓީމް ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގައި ޑިމޮކްރެޓްސް އަދި ޕީޕީއެމްގެ މެންބަރުންނާއި ސަޕޯޓަރުން މުޒާހަރާ ނުކުރުމަށާއި އެ ސަކަރާތް (މުޒާހަރާ ކުރުން) ހުއްޓާލުމަށް އިމްރާން ގޮވާލެއްވުމާ ގުޅިގެންނެވެ. މުޒާހަރާ ކުރުން ހުއްޓާލުމަށް އިދިކޮޅަށް ގޮވާލައްވައި އިމްރާން ވިދާޅުވީ ރައީސް ސޯލިހް ގެ ޓީމް މުޒާހަރާއަށް ނުކުމެއްޖެނަމަ މާ ވަރުގަދަ ވާނެ ކަމަށާއި ހިފަހައްޓާނުލެވޭނެ ކަމަށެެވެ.

އިމްރާން އިތުރަށް ވިދާޅުވެފައި ވަނީ ސިޔާސީ ހަރަކާތުގެ ނަމުގައި ދެން ގަޔަށް ބޮލަށް އަރުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އިދިކޮޅުން ސިޔާސީ ހަރަކާތްތައް ކަމަށް ބުނެ އަބަދު ކުރާ ކަމަކީ މުޒާހަރާ ކުރުން ކަމަށެވެ. އަދި އެ ކަމަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.