ވ. ރަކީދު އަށް ގެނެވޭ ބަދަލުތަކާ އެކު، އުންމީދުކުރަނީ އެ ރަށުގެ އާބާދީ އިތުރުވެ، ރަށަށް އުފަން ރައްޔިތުން އެނބުރި އައުމުގެ ވިސްނުމެއް އުފެދިގެން ދިއުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށާއި ވ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ފަހު އަތޮޅަކީ ވ. އަތޮޅެވެ. އޭގެ ތެރެއިން އެ އަތޮޅު ރަކީދު އަށް ފުރަތަމަ ވަޑައިގެން އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުންނާ މުހާތަބުކުރައްވައި ރައީސް ފާހަގަކުރެއްވި އެއް ކަމަކީ ރަކީދޫގެ 369 މީހުންގެ ތެރެއިން އެ ރަށުގައި ދިރިއުޅެމުން ދަނީ 63 މީހުންގެ ކުޑަ އާބާދީއެއް ކަމެވެ.

އެކަން އެހެން މެދުވެރިވާންވީ ސަބަބު ރައީސް ހުލާސާކޮށް ކިޔައިދެއްވިއެވެ.

"ލިބެން ޖެހޭ އެންމެ ކުޑަ މިނުން ދަރިންނަށް ތައުލީމު ދިނުމުގައި ހުރި ގޮންޖެހުންތައް، ސިއްހީ ހިދުމަތުގެ ހުރި ގޮންޖެހުންތައް، ރަށަށް އަރާ ފޭބުމުގައި ހުރި ދަތި އުނދަގޫތައް،"

ރައީސް ވިދާޅުވީ، ރަކީދޫގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވުނު ނަމަވެސް، އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމުން ރަށަށް ގުދުރަތީ ގޮތުން ބަދަލުތަކެއް އަންނާނެ ކަމަށާއި، އެ ބަދަލުތައް ދިރާސާކޮށް ހައްލުކުރަން ޖެހޭ ކަންކަން އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ:

  • ދައުރު ނިމުމުގެ ކުރިން ރަކީދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ލިބެން ފަށާނެ
  • ރަކީދޫ ސްކޫލް ހުޅުވައި، ރަށުން ބޭރުން ޓީޗަރުން ގެންނާނެ ކަމަށް
  • ފިނޭންސް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާ މަޝްވަރާކޮށް ސެޓަލައިޓް ސްކޫލް ފަށާނެ ކަމަށް

"އަޅުގަނޑު އުންމީދުކުރަނީ މި ގެނެވޭ ބަދަލުތަކާ އެކީގަ މި ރަށުގެ އާބާދީ މަޑުމަޑުން އިތުރުވެ، މި ރަށުގެ އުފަން ރައްޔިތުން ރަށަށް އެނބުރި އައުމުގެ ވިސްނުމެއް ރޫހެއް އުފެދިގެން ދާނެ ކަމަށް،"

މީގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި ވ. އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ދެވެން ފެށޭނެ ކަމަށާއި، އެ ހިދުމަތުގެ ސަބަބުން ކައިރި ރަށްރަށަށް ހިދުމަތް ހޯދުމަށް ގޮސް ފަސޭހައިން އެނބުރި ރަށަށް އާދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.