ގދ. ތިނަދޫގައި ސިހުރު ހަދާ މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ތިނަދޫގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުލައި 14، 2023 ވީ ހުކުރު ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ތިނަދޫގައި ސިހުރު ހަދާ މައްސަލަ ފެންމަތިވެފައިވަނީ ސަހަރާތެރޭގައި ބަޔަކު އުޅޭހެން ހީވެގެން މީހަކު ސަހަރާތެރެއަށް ވަދެ ބެލިބެލުމުން ސިހުރު ހަދަން ބޭނުންކުރާ ސާމާން އެ ސަރަހައްދުން ފެނިގެންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ސިހުރު ހަދަމުން ދިއައީ ދާދި ފަހުން ތިނަދޫގައި ނިޔާވި މީހެއްގެ މަހާނައަށް ކަމަށާ އެކަން އެ ވަގުތުން ވަގުތަށް އެ މީހާގެ އާއިލާއަށްވެސް އަންގާފައިވާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ސިހުރު ހަދާ މައްސަލަ އާންމުވަމުން އަންނައިރު މިފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.