މިހާރަކަށް އައިސް އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް އިތުރުވަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކާ ފޭސްބުކް، އިންސްޓަރގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ހިއްސާކުރަމުން އަންނަކަމަށެވެ އަދި އެކިކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާ ހީލަތުން ފައިސާ އަތުލާ މައްސަލަތައް ހުށަހަޅަމުން އަންނަކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެކި މީހުންނަށް ގުޅައިގެން ދަންނަ ރަހުމަތްތެރިއެއްކަމަށް ހެދިގެން އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭކަމަށް ބުނާ ކޯލުތައްވެސް އަންނަމުން ދާ ކަމަށެވެ. އަދ ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ އަނބުރާ ދައްކާގޮތަށް ފައިސާ ދިނުމަށް އެދެމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ފަދަ މަކަރު ހަދާ މީހުންގެ އަތުގައި ހުރީ، ބެންކު އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށާ، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފާ ކުރިކަމުގެ ސައްހަ ނޫން ސްލިޕް ފޮނުވުމަށް ފަހު މަކަރާއި ހީލަތުން ފައިސާ ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މިނޫނަސް އެކި ކަހަލަ ވާހަކަތައް ދައްކައިގެން އެކިއެކި ގޮތްގޮތަށް މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން މަކަރާއި ހީލަތުގެ މިފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދިއޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށާ އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.