ފާއިތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅަކީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރުން ކަމަށް އައްޑޫ މަރަދޫ ދައިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެންބަރު ޝަރީފް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވުމާ ގުޅިގެން އެ ވާހަކައަށް ރައްދު ދެއްވަމުންނެވެ.
މި ގޮތުން ޝަރީފް ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ދިޔައީ ރައީސް ނަޝީދު އެމްޑީޕީ ފުނޑުފުނޑު ކޮށްލައްވަން ކުރެއްވި މަސައްކަތުގައި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ގެއްލޭ އިރު އެމްޑީޕީ ރޫޅާލަން ކުރެއްވޭނެ ކަމެއް ރައީސް ނަޝީދަށް ނޯންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ފަހު އެ ޕާޓީ ވެގެން ދާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ފަދަ ކުޑަ ކުޑަ ޕާޓީއަކަށް ކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ މިހާރު މަޖިލީހުގައި އެމްޑީޕީ ޓިކެޓުގައި ހޮވިފައި ތިބި ޑިމޮކްރެޓްސްގެ ގިނަ މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ ކަމަށެވެ.
ކޮންމެ ސިޔާސީ ލީޑަރެއްގެ ތަރި އަރާ އޮއްސޭ ބީދައިން ނަޝީދުގެ ތަރިވެސް އޮއްސެމުން ދާ ކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ގެއްލުނު ހިސާބަކީ ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ނިމުމުގެ ފެށުން ކަމަށެވެ.
މެންބަރު ޝަރީފްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ރައީސް ނަޝީދުގެ ވާހަކައަށް ރައްދު ދެއްވާފައެވެ. މި ގޮތުން ފައްޔާޒް ވަނީ އެމްޑީޕީ ރޫޅާލާ ވާހަކަ ނަޝީދު ދެއްކެވީ ޒާތީ ކަމެއްގެ ގޮތުގައި ކަމަށް ސިފަކުރައްވާފައެވެ.
އެކަމެއްނުވި