ތ. ތިމަރަފުށީ ކައުންސިލްގެ އިދާރާއިން 51،348 ރުފިޔާގެ މުދާ ހޯދުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބެލެވޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ތ. ތިމަރަފުށި ކައުންސިލް އިދާރާގެ 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ އެ ކައުންިސލްގެ 12 މައްސަލައެއް ފާހަގަ ކޮށްފައެވެ. އެ މައްސަލަތަކުގެ ތެރެއިން އެ ކައުންސިލުން ކޮރަޕްޝަން ހިންގި ކަމަށް ބެލެވޭ ކަމެއް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

މުދަލަށް އޯޑަރު ކުރާ ފޯމް ތައްޔާރު ކުރުމަކާ ނުލައި ތަކެތި ހޯދާފައި ވުމާއި މުދާ ލިބުނު ކަމަށް ސޮއިކޮށްފައި ނުވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، 2021 ވަނަ އަހަރު އެ ކައުންސިލުން 51،348 ރުފިޔާގެ މުދާ ގަނެފައިވާ އިރު، އެ މުދަލަށް އޯޑަރު ކުރުމަށް ފޯމެއް ތައްޔާރު ކޮށްފައި ނުވާ ކަމަށެވެ. އަދި 14،145 ރުފިޔާގެ ހިދުމަތާއި ތަކެތި ތަނަށް ލިބިފައިވާކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. އެހެންކަމުން އެ މުދާ ގަތުމަށް ހަރަދުކޮށްފައި ވަނީ ކޮންމެހެން ކައުންސިލްގެ އިދާރާއަށް ބޭނުންވެގެން ކަމާއި އަދި އެ މުދާ ކައުންސިލްގެ އިދާރާއަށް ލިބުނުކަން އެނގެން ނެތުމުން ކައުންސިލުން ކުރަން ނުޖެހޭ ހަރަދެއް ކޮށްފައިވާ ކަމަށާއި މި ކަމުގައި ހިޔާނާތެއް އެކުލެވިގެން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮޑިޓުން ބުނެއެވެ.

ހަމައެއާއެކު މުދަލާއި ހިދުމަތް ހޯދުމުގައި މުދާ ގަންނަން އެދޭ ފޯމް ތައްޔާރު ކޮށްފައި ނުވާ މައްސަލައެއް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން 2021 ވަނަ އަހަރު 92،500 ރުފިޔާގެ ހިދުމަތާއި ތަކެތި ހޯދާފައިވާ އިރު، ތަކެއްޗާއި ހިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު ތައްޔާރު ކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ މުދާ ގަތުމަށް ހަރަދު ކޮށްފައި ވަނީ ކޮންމެހެން އިދާރާއަށް ބޭނުން ވެގެން ކަން ކަށަވަރުވެފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޝޮޕިންގެ އުސޫލުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި ތިން ފަރާތަކުން އަގު ހޯދަފައި ނުވާ މައްސަލައެއް ވެސް ހިމެނެއެވެ. ދައުލަތުގެ މާލިއްޔަތު ގަވައިދު ބުނާ ގޮތުގައި ޕްރޮކިއުމަންޓްގެ އަގު 2000 ރުފިޔާއަށް ވުރެ ބޮޑު އަދި 35،000 ރުފިޔާއަށް ވުރެ އިތުރު ނުވާނަމަ ތަކެތި ނުވަތަ ހިދުމަތް ފޯރުކޮށް ދިނުމުގައި ތިން ފަރާތަކުން ލިޔުމުން އަގު ހޯދުމަށްފަހު އެ ފަރާތްތަކުގެ ތެރެއިން ތަކެތި ހޯދަން ވާނީ އެންމެ އެކަށީގެންވާ ރަނގަޅު ފަރާތަކުންނެވެ. ނަމަވެސް ޝޮޕިން އުސޫލުން ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި އެ ކައުންސިލުން 2021 ވަނަ އަހަރު، 89،404 ރުފިޔާގެ ހިދުމަތާއި މުދާ ހޯދާފައި ވަނީ ތިން ފަރާތުގެ އަގު ހޯދުމަކާ ނުލައި ކަމަށް އޮޑިޓުން ބުނެއެވެ.

އަދި ކައުންސިލްގެ އިދާރާއިން ކުރި ދަތުރުތަކުގެ ސައްހަކަން ކަށަވަރުނުވާ މައްސަލައާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، 2021 ވަނަ އަހަރު އެ ކައުންިސލްގެ އިދާރާއިން ކުރި ދަތުރުތަކުގެ ދަތުރު ރިޕޯޓް ހުށަހެޅުމުގައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އެގޮތުން 10،100 ރުފިޔާ ހަރަދުކޮށްފައިވާ ދަތުރުތަކަކީ ކޮން ބޭނުމެއްގައި ކުރި ދަތުރެއް ކަމާއި، ކޮން ބައެއް ކުރި ދަތުރެއް ކަމާއި، ދަތުރުގެ މުއްދަތާއި، ދަތުރުން ހާސިލް ކުރެވުނު ކަމެއް ބަޔާން ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އެޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ލިބޭ ފައިސާގެ ދަފްތަރުގައިވާ ރޭޓްތަކާއި ފައިސާ ބަލައިގެންފައިވާ ރޭޓްތަކާ ދިމާނުވުމާއި، ބޭންކް އެކައުންޓަތަކުގެ ހިސާބުތައް ބަލަހައްޓާ ރިކޮންސައިލް ކޮށްފައި ނުވުން ހިމެނެއެވެ. ހަމައެއާއެކު ހަރު މުދަލާ ގުޅޭ ކަންކަން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލާފައި ނުވުމާއި، ކައުންސިލްގެ ސްޓޮކް ބާކީ އަދާ ހަމައަށް ގަވާއިދުން ބަލަހައްޓާފައި ނުވުމާއި، މުވައްޒަފުންގެ ހާޒިރީ ރިކޯޑްތައް ބަލަހައްޓާފައި ނުވުމާއި، މުވައްޒަފުންގެ މައުލޫމާތު ފައިލްތައް އަދާ ހަމަކޮށްފައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ އާންމު ބައްދަލުވުންތައް ގަވާއިދުން ބާއްވަފައި ނުވުމާއި، ރައްޔިތުންނަށް މައުލޫމާތު ދިނުމައްޓަކައި އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުން ބާއްވާފައި ނުވުމާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކަންތައްތައް ގަވާއިދާ އެއްގޮތަށް ގެންގޮސްފައި ނުވާ މައްސަލަ ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.