ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ފައިސާ އަބުރާ ދައްކާފައި ނުވާކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގެންފައި ވަނިކޮށް ބޭސް ފަރުވާއަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމާ ގުޅިގެން އެކަމާ ނުރުހުންފާޅުކޮށް ކުރެއްވި ޓުވީޓެއްގައެވެ.

މިކަމާ ގުޅިގެން ޖަމީލު ވިދާޅުވީ މިހާދުވަހު އަދީބު ހުކުމް ހޭދަކުރެއްވީ ގޭގައި ކަމަށާ ތިން ބިލިއަނަށް ވުރެ ގިނަ ހިޔާނާތުގެ ފައިސާގެ ތެރެއިން ހޯދުނު އެންމެ ފައިސާ ފޮތްޗެއް ވެސް ނެތްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދަރުބާރުގައި އިންސާފު އޮތްގޮތް ސާފުވެއްޖެ ކަމަށް ޖަމީލު ވިދާޅުވިއެވެ. "ދޮގު ހެކިދީ އޭނާގެ ޖޮބް އަދާކުރުމުން ފިލުވާލަނީ. އިބޫވެސް މަހްޝަރު ކުރެވޭނެކަން ކަށަވަރު" ޖަމީލު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި 7 ދައުވާ ސާބިތުވެ އޭނާގެ މައްޗަށް، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2020 ވަނަ އަހަރުއެވެ. އަދި އެ މައްސަލައިގައި ދެ މިލިއަން ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައި ވާއިރު އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ.

އެހެންކަމުން ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ބަލި ހާލަތު ހުރި ގޮތުން އަދީބު ހުންނެވީ ގޭ ބަންދުގައެވެ.