ރ. އުނގޫފާރު ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ޔުނިޓެއް ގާއިމްކުރުން ހިމެނޭހެން ނުވަ މަޝްރޫއެއްގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން އިންޑިއާ އާ އެކު ސޮއިކޮށްފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް މިވަގުތު އެ ގައުމަށް ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖައިޝަންކަރުގެ ހާޒިރުގައި ނުވަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ނިއުދިއްލީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކުދި އާބާދީތަކަށް ބޭނުންވެފައިވާ ކަންކަން ކޮށްދިނުމަށް ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ދެވަނަ ފިޔަވަހީގެ ދަށުން، ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު ނުވަ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އިބްރާހީމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މޫނޫ މަހާވަރެވެ.
އުނގޫފާރުގެ ހޮސްޕިޓަލްގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ޔުނިޓެއް ގާއިމްކުރުމުގެ އިތުރުން، ދެން ދެ ގައުމުގެ ދެމެދުގައި ސޮއިކުރީ:
- ށ. ކަނޑިތީމުގައި ވޮލީ ކޯޓެއް ގާއިމްކުރުމަށް
- މ. ދިއްގަރުގައި ގޭދޮށު މަސް ފެކްޓްރީ ގާއިމްކުރުމަށް
- ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ފަރުނީޗަރާއި ސާމާނު ފޯރުކޮށްދިނުމަށް
- ތ. ވިލުފުށީގެ ސްކޫލް ޑިޖިޓަލައިޒްކުރުމަށް
- ފ. ނިލަންދޫ ހޮސްޕިޓަލް ތަރައްގީކުރުމަށް
- ސަރުކާރު ސްކޫލްތަކުގެ ކޮމްޕިއުޓަރު ލެބުތައް ތަރައްގީކުރުމަށް
- އުތީމު ގަނޑުވަރުގެ ފުރާޅު ހިމާޔަތްކުރުމަށާއި ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދު ތަރައްގީކުރުމަށް
- ގއ. ކޮނޑޭގެ މަގުތަކުގައި މަގުބައްތިތައް ހަރުކުރުމަށް
ޝާހިދުގެ މި ދަތުރުގައި، އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ޖައިޝަންކަރާ އެކު ރަސްމީ މަޝްވަރާތައް ކުރައްވައި، އިންޑިއާގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށާއި، އިންޑިއަން ކައުންސިލް ފޯ ވޯލްޑް އެފެއާޒްގައި ބާއްވާ 43 ވަނަ ސަޕްރޫ ހައުސް ލެކްޗާގައި އޭނާ ވާހަކަ ދައްކަވާނެ ކަމަށް، ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.