ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ހުއްދަދީފައިވާ ކަމަށް "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އަދީބަށް ހުއްދަ ދީފައިވަނީ މެޑިކަލް ލިޔުންތަކަށް ބެލުމަށްފަހު ކަމަށްވާއިރު އަދީބު ބޭސްފަރުވާއަށް ފުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރަށެވެ.

ދާދިފަހުން އަދީބަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާއިރު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

މި މަހުގެ 2 ވަނަ ދުވަހު ވެސް ރާއްޖެއިން ބޭރަށް ފުރުމަށް އަދީބަށް ހުއްދަ ދިން ކަމަށް ބުނެ އަޑުތައް ގަދަވި ނަމަވެސް އެކަމާ ގުޅިގެން އެ ދުވަހު ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" އަށް ވިދާޅުވީ ހުއްދަ ދެވިފައި ނެތް ކަމަށެވެ.

އެހެންނަމަވެސް މިއަދު ޔުސްރީން "ދަ ޕްރެސް" އަށް ވިދާޅުވީ އަދީބު ފުރަން ޖެހިއްޖެ ހާލަތެއްގައި ކަރެކްޝަންސްއިން އެ މައުލޫމާތު އާންމުކުރާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިދިޔަ 2020 އަހަރުގެ ތެރޭގައި ވަނީ ހުކުމް ކޮށްފައެވެ. އެހެންނަމަވެސް މިހާރު އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ދެކޮޅަށް އަދީބު ހެކިބަސް ދެއްވާފައި ވާއިރު މީގެ ކުރިން ވަނީ އެ މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވައިފިނަމަ އަދީބު ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމުގެ އަޑުތައް ފެތުރިފައެވެ.