މިނިވަން ދުވަހާ ގުޅުވާ ހުޅުމާލޭގައި ބާއްވާ 'މިނިވަން އުފާ ކާނިވާ'ގައި ކާބޯތަކެތީގެ ސްޓޯލްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ކާނިވަލުގައި ކާބޯތަކެތީގެ ސްޓޯލްތައް ހިންގުމަށް ޝައުގުވެރިވާ 40 ފަރާތަކަށް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން މިނިސްޓްރީން ބުނީ ލުއި ބުއިންތައް، ކޮފީ، އައިސް ކުރީމް، ޕޮޕްކޯން، ސްނޯ ކޯން އަދި ކަފަ ލޮލީ ފަދަ ތަކެތީގެ އިތުރުން ފާސްޓް ފުޑް ނުވަތަ ލުއި ކާނާ އަދި ހޯމްބޭކާސް ނުވަތަ ތަފާތު ދިވެހި ކާބޯތަކެތީގެ ސްޓޯލްތައް ހިންގިދާނެކަމަށެވެ.

ކޮންމެ ފަރާތަކަށްވެސް 10 ފޫޓުފުޅާ ހިޔާކޮށްފައިވާ ސްޓޯލެއް މޭޒާއި ގޮނޑިއާއެކު ލިބޭނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އަމިއްލައަށް ބޭނުންވާ ސެޓަޕެއް ގެނައުމުގެ އިހްތިޔާރުވެސް ސްޓޯލް ހަދާ ފަރާތްތަަކަށް ލިބިގެންދާނެ ކަމަށެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ ކާބޯތަކެތި ވިއްކައިގެން ލިބޭ ފައިދާ ލިބޭނީ ސްޓޯލް ހިންގާ ފަރާތަށް ކަމަށެވެ.

ކާބޯތަކެތީގެ ސްޓޯލްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 3، 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ހޯމް މިނިސްޓްރީންވަނީ އެދިފައެވެ.

ހޯމް މިނިސްޓްރީން ވަނީ ޕްރޮޕޯސަލް ހުށަހަޅާއިރު ކުންފުނި/ ނުވަތަ ހުށަހަޅާފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު، ކާބޯތަކެތީގެ ބާވަތްތައް، ވިއްކާތަކެތީގެ މެނޫ އަދި އަގުތަކުގެ އިތުރުން ސްޓޯލް ސެޓަޕް ހުންނާނެ ގޮތް، ބޭނުންވާ ތަކެތި އަދި ރިކުއެސްޓެއް ނުވަތަ އިތުރު ތަފްސީލެއްވާނަމަ އެކަން ހިމެނުމަށް އެދިފައެވެ.

މިނިވަން އުފާ ކާނިވަލަކީ ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން އިންތިޒާމް ކުރާ ކާނިވަލެކެވެ.މި މަހުގެ 28 އިން 4 އޮގަސްޓަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކާނިވަލުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.