ރައީސް އިބްރާހީމް މުހަައްމަދު ސޯލިހް ވެރިކަމުގެ ދެވަނަ ދައުރަށް ހޮވިވަޑައި ގަންނަވާނީ ވެސް ވަރަށް ގިނަ 'ހެޔޮ އަޅުންގެ' ހެޔޮ ދުއާ އާ އެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް އަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ، އިމްރާން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނީ ހައްޖުވެރިންގެ ދުއާއާއިއެކުގައި ކަމަށް ވިދާޅުވެ އިމްރާން ކުރެއްވި ޓުވިޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި ހުރިހާ ފާޑުކިޔުންތަކައް ރައްދު ދެއްވަމުން އިމްރާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރުޅިއަންނަ މީހުން ރުޅިއަޔަސް އަދި މަލާމާތްކުރާ މީހުން މަލާމާތް ކުރިޔަސް ރައީސް ސޯލިހް ވެރިކަމަށް އައީ ﷲގެ ރަހުމަތާއެކު ކަމަށެވެ. އަދި އަމާންކަމާ އެކު ވެރިކަމުގެ ދައުރު ފުރިހަމަކޮށް ދެވަނަ ދައުރަކަށް އިންތިހާބު ވާނީވެސް ﷲގެ ރަހުމަތާއެކު ވަރަށް ގިނަ 'ހެޔޮ އަޅުންގެ' ހެޔޮ ދުއާ އާއި ބަރަކާތާއެކު ކަމަށެވެ.

މީގެ ކުރިން އިމްރާން ކުރެއްވި ޓުވިޓެއްގައި ވަނީ ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބޭ އެއްޗެއް ނޫންކަމަށާ ވެރިކަމަކީ އިމްތިހާނު ކުރެއްވުމަށްޓަކައި، މާތް ރަސްކަލާނގެ ދެއްވާ އެއްޗެއްކަމަށް ވިދާޅުވެފައެވެ.

ކުރިއަށް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އެކުގައި ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވަން ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ސެޕްޓެމްބަރު 9 2023 ގައި ނަގާ ވޯޓުން 51.2 ޕަސެންޓަށް ވުރެން މަތިން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.