ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަކީ ޑްރާމާ ފެށުނީއްސުރެ އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ އެއް ޑްރާމާ އެވެ. ޑްރާމާގައި މިހާރު ވަރުގަދަ ޓްވިސްޓްތަކެއް ފެންނަމުން އަންނައިރު މި ޑްރާމާ މިހާރު ގޮސްފައި އޮތީ ވަރަށް ޝައުގުވެރި ހިސާބަކަށެވެ.

ޑްރާމާގެ ލީޑު ކެރެކްޓާ އަކްޝަރާ ކޮއެންކާ، އަބީމަންޔޫ ބިރްލާ އާއި ކައިވެނި ކޮށްގެން އެގެއަށް ބަދަލުވެއެވެ. ހަމައެއާއެކު އަކްޝަރާގެ ކޮއްކޮ ރޫހީ ގޮއެންކާ، އަބީމަންޔޫގެ ކޮއްކޮ ނީލް ބިރްލާ އާއި ކައިވެނިކޮށްގެން އެގެއަށް ބަދަލުވެއެވެ. ޑްރާމާގައި އަކްޝަރާ އާއި އަބީމަންޔޫގެ ކައިވެންޏަށް ހިޔަނި އެޅެނީ އަކްޝަރާ އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުވެ އެކުދިން އެބޯޓްވާ ހިސާބުންނެވެ. ދަރިފުޅު އެބޯޓްވާން މެދުވެރިވި ސަބަބަކީ ނީލް އާއި އަކްޝަރާ އާއި ބޭރުގައި އުޅެނިކޮށް މަގުމަތީގައި އުޅޭ ގޭންގު ބައެއް އެދެމީހުންނަށް ދިމާކޮށްލާއި އަނިޔާކުރުމުންނެވެ. އެވަގުތު ނީލް ބެލީ ހުރި ހަމައެކަނި ބޭބެގެ އަނބިމީހާ އަކްޝަރާ ސަލާމަތްކުރުމަށެވެ. އަކްޝަރާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ނީލް މަރުވެއެވެ. ނީލްގެ މަރުގެ ޒިންމާ ބިރްލާ އާއިލާ އިން އަކްޝަރާ ބޮލުގައި އަޅުވައެވެ. އަދި ދަރިފުޅު އެބޯޓްވީ އަކްޝަރާގެ ސަބަބުން ކަމަށް އަބީމަންޔޫގެ މަންމަ މަންޖަލީ ނިންމައެވެ. މި ހާޖާނުގަނޑުގައި އުޅެމުން، އަބީމަންޔޫ، އަކްޝަރާ ވަރިކޮށްލުމަށް ފަހު ގެއިން ނެރިލައެވެ. ޝަކުވާއިން ފުރިފައިވާ ހިތަކާއެކު އަކްޝަރާ ގެއިން ނުކުމެ އެހެން ސިޓީ އަކަށް ދާތަނުން އޭނާ އާއި ދިމާވަނީ އަކްޝަރާގެ މިހާރުގެ ފިރިމީހާ އަބިނަވް ޝަރްމާއެވެ. އަކްޝަރާ އަށް އޭނާގެ ބަނޑުގައި އެއް ދަރި އޮތްކަން އެނގެއެވެ. އެކަން އަންގަން އަބީމަންޔޫއަށް ގުޅަން މަސައްކަތްކުރުމުންވެސް އަކްޝަރާ ދެކެ އައިސްފައިވާ ރުޅިން އަބީމަންޔޫ، އަކްޝަރާ އަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދިނެވެ. އޭގެ ހައަހަރުފަހުން އަކްޝަރާ އާއި އަބިނަވް އާއި އަބީރު އުފަލުގައި އުޅެމުން ދަނިކޮށް އަބީރު ވަރަށް ބޮޑަށް ބަލިވެއެވެ. އަދި އޭނާ ސަލާމަތް ކުރެވޭނެ ހަމައެކަނި ޑޮކްޓަރަކީ އަބީމަންޔޫ ކަމަށްވުމުން އެ ކުޑަ އާއިލާ އުދައިޕޫރަށް ދެއެވެ. އެ ހިސާބުން އަބީމަންޔޫ އަށް އަބީރު އަކީ އޭނާގެ ދަރިއެއްކަން އެނގިއެވެ. ޑްރާމާ ކުރިއަށްދިޔަ ވަރަކަށް އަބީރު އަށް އޭނާގެ އަސްލު ބައްޕަ އަކީ އަބިނަވް ނޫން ކަން އެނގެއެވެ.

މަންޖަލީ، އަބީމަންޔޫގެ ބޮލަށް އެރިގެން އަބީރުގެ ކަސްޓަޑީ ހޯދަން ކޯޓަށް ހުށައަޅައެވެ. ބޮޑު ތަޅާފޮޅުންގަނޑަކަށް ފަހު ކޯޓު މަރުހަލާ ކާމިޔާބުކުރީ އަބީމަންޔޫއެވެ. އަބީރު، އަބީމަންޔޫ އަށް ދިނުމަށް އަކްޝަރާ އަށް މަޖުބޫރުވިއެވެ. އަބިނަވް އާއި އަކްޝަރާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނެވެ. އަބީރު އަށް އޭނާގެ ހަގީގީ ބައްޕަ އަކީ އަބީރުގެ ޑޮކްމޭން އަބީމަންޔޫކަން އެނގުނެވެ. ނަމަވެސް އަބީރު، އަބިމަންޔޫ ގާތަށް ދާން ބޭނުމެއް ނުވިއެވެ. އަކްޝަރާ އާއި އަބިނަވް އަށް މަޖުބޫރުވީ އަބީރް، އަބީމަންޔޫ ގެއަށް ފޮނުވާލުމަށެވެ. އެކަން ކާމިޔާބު ވެސް ކުރިއެވެ.

ޑްރާމާގައި ދެން ވާނީ ކިހިނެއް؟

ކޯޓުން އަކްޝަރާ އަށް އެންގީ އަބީރުގެ އުފަންދުވަހުގެ ސެޓްފިކެޓްގައި އަބީމަންޔޫގެ ނަން ޖެހުމަށެވެ. އުދައިޕޫރަށް އަބީރު ބަދަލުވުމުން އެ އަވަށު ސްކޫލަކަށް ވެއްދުމަށް އަކްޝަރާ މަސައްކަތް ކުރެއެވެ. އަދި ސްކޫލު ފޯމުގައި ބައްޕަގެ ސޮއިކުރަން އޮތް ތަނުގައި އަބިނަވް ލައްވައި ސޮއިކުރަން އުޅުމުން އެކަމަށް އޭނާ ހުރަސްއަޅައެވެ. ސަބަބަކީ މިހާރު އަބީރު ދިރިއުޅެނީ ބިރްލާ ގޭގައި ކަމަށް ވުމާއެކު އަބީމަންޔޫއަކީ އަބީރްގެ ބައްޕައަށް ވުމުންނެވެ. އަކްޝަރާ އާއި އަބީމަންޔޫ އެމީހުންގެ ދަރީގެ ކަންކަމުގައި ދިމާވާން ފަށައެވެ. އޭގެ ސަބަބުން އަބިނަވް އަށް ބަރުދާސްތު ކުރަން ދަތި ވޭނެއް ތަހައްމަލު ކުރަން ޖެހެއެވެ.

ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި އަބީރް، ބިރްލާ ގޭގައި އުޅެން ބޭނުންނުވުމުގެ ސަބަބުން އެގެއިން އަބީރު ފިލައެވެ. އަބީމަންޔޫ އާއި އަބިނަވް އަބީރު ހޯދަން މަގުމަތީގައި ދުވާނެއެވެ. އަދި އަބީރު އެކްސިޑެންޓެއް ވާން އުޅުމުން އަބީރު ސަލާމަތްކުރަން އަބިނަވް ދުއްވައިގަންނައިރު އަބިނަވް އެކްސިޑެންޓު ވެއެވެ. ޑްރާމާގައި އަކްޝަރާ އާއި އަބީމަންޔޫ އަލުން ގުޅޭތޯ ހިތުގައި ސުވާލު އުފެދެއެވެ. އެހެންކަމަށްވާނަމަ އަބިނަވް އަށް ވާނީ ކިހިނެއްބާވައެވެ؟ ހަމަގައިމުވެސް އަބިނަވް ވިލަންގެ ރޯލު ކުޅެން ފަށާފިނަމަ ޑްރާމާގެ ޑައިރެކްޓަރަށް ބެލުންތެރިން ވަރަށް އެއްޗެހި ކިޔާނެއެވެ. އަބިނަވް އެކްސިޑެންޓްވެއްޖެ ނަމަ އޭނާ މަރުވާނެ ބާވައެވެ؟ ޑްރާމާގައި ދެން ކަންތައްތައް ވެގެންދާ ގޮތް ބަލަން އިންތިޒާރު ކުރާށެވެ.