ރަޝިއާގެ އަސްކަރިއްޔާގެ އެންމެ އިސް 2 ލީޑަރުންނާ މެދު ހިތްހަމަ ނުޖެހި އަސްކަރީ ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ވާގްނާ ގްރޫޕުން މޮސްކޯ ހިފަން ދިމާކުރި ބަޣާވާތަށް ފަހު އެ ޖަމާއަތުގެ ބޮސް ޔެވްގެނީ ޕްރިގޯޒިން، ރަޝިއާގެ ރައީށް ވްލަޑިމިއާ ޕުޓިން އާ ބައްދަލު ކޮށްފިއެވެ.

ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ވާގްނާ ބޮސް އާ ޕުޓިން ބައްދަލު ކުރެއްވީ، ކްރެމްލިންގައި ކަމަށާއި އެ ބައްދަލުވުމަށް ވާގްނާގެ 35 ކޮމާންޑަރުން ގެނައި ކަމަށެވެ.

ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހު ވާގްނާއިން މޮސްކޯއަށް ވަންނަން ފެށި ހަމަލާތައް ފުރަތަމަ ހިފީ، ރަޝިއާގެ ހުޅަނގު ބިތުގައި ހުންނަ އަސްކަރީ މަރުކަޒެކެވެ. އެއީ ޔޫކްރައިން ހަނގުރާމަ ވިލަރެސް ކުރުމުގައި ރޮސްޓޯވްގައި ހުންނަ މަރުކަޒެވެ. އެއްމެ ވަޒަނެއްވެސް ޖަހަން ނުޖެހި ވާގްނާއިން އެ މަރުކަޒު ހިފުމަށް ފަހު ދެން މިސްރާބު ޖެހީ މޮސްކޯއަށެވެ. މޮސްކޯއާ ގާތްގަނޑަކަށް 200 ކިލޯމީޓަރަށް ކައިރި ވުމަށް ފަހު، ދެފަރާތުގައި ވެސް ތިބީ ރަޝިއާގެ ރައްޔިތުން ކަމަށާއި ލޭ އޮހޮރޭނަމަ އޮހެރޭނީ ހަމަ ރަޝިއާގެ ރައްޔިތުންގެ ލޭ ކަމަށް ބުނެ މޮސްކޯއަށް ނާރާ ޕްރިގޯޒިން ވަނީ އަނބުރާ ގޮސްފައެވެ. އޭނާ މައިދާން ދޫކޮށް ދިޔުމުގައި ބެލަރޫސްގެ ރައީސް މެދުވެރިއެއްގެ ދައުރު އަދާކުރައްވާ ވާގްނާއަށް ބެލަރޫސް އިން ހިމާޔާތް ދެއްވާނެ ކަމަށް އެގައުމުގެ ރައީސް ވިދާޅުވުމުން ވެސް ހިމެނިގެން ދިޔައެވެ. ނަމަވެސް ވާގްނާ ބެލަރޫސް އަށް ނުވަދެ ގޮސް ތިބީ އެމީހުން ޔޫކްރައިން އާ ހަނގުރާމަ ކުރި އިރު ގާއިމުވެ ތިބި ކޭމްޕްތަކުގައި ރަޝިއާ ސަރަހައްދުގައެވެ.

ވާގްނާ މޮސްކޯ އަށް އަރަން އުޅުމުން އޭނާ އަކީ ޚާއިނެއް ކަމަށް ނިންމާ، އެ ޖަމާއަތަކީ ޣައްދާރުން ކަމަށް ޕުޓިން ވިދާޅުވި ނަމަވެސް، މައިދާން ދޫކޮށް ދިޔުމުން ވަނީ އެ ޖަމާއަތުގެ އެއްވެސް މީހަކަށް ދައުވާ ނުކޮށް މައާފު ދެއްވާފައެވެ.

ވާގްނާ މޮސްކޯއަށް އަރަން މަސައްކަތް ކުރި މައްސަލަ އަކީ، ރަޝިއާގެ އަސްކަރިއްޔާގެ އެންމެ އިސް ދެވެރިން އެ ޖަމާއަތް ނައްތާލުމަށް ހަމަލާ ދިނުމުން ކަމަށް ވާގްނާ ބުނެފައި ވެއެވެ. އޭނާ ބުނީ، އެ ޖަމާއަތުން ޔޫކްރައިންގެ ސަރަހައްދުތައް ހިފުމަށް ފަހު ރަޝިއާ ސިފައިންނާ ހަވާލުކޮށް އެނބުރި ކޭމްޕްތަކަށް ދިޔަ މަގުމަތީގައި މައިން ވަޅުލައިފައި ހުރުމުގެ އިތުރުން މިސައިލް ހަމަލާދީފައި ވާ ކަމަށެވެ. އެހަމަލާތަކުގައި ގިނަ ބަޔަކު މަރުވެގެން ދިޔުމަކީ ޕްރިގޯޒިންގެ ރުޅި ކޮންޓްރޯލުން ނެއްޓުނު ސަބަބެވެ. އެއާއެކު ބަރުހަތިޔާރާ އެކު ރަޝިއާ ތެރެއަށް ވަދެ މޮސްކޯ ހިފަން ކުރި ދަތުރުގައި ރޮސްޓޯވް ހުރަސްކޮށް ދިޔަ އިރު ކުރިމަތިލި ރަޝިއާގެ އަސްކަރިއްޔާ 3 ހެލިކޮޕްޓަރެއް ވައްޓާލިއެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހަމަލާ ބަދަލު ކުރި އިރު އެދުވަހު އެކަނި ރަޝިއާގެ 9 ޕައިލެޓުން މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕުޓިން ބޭއްބެވި ބައްދަލުވުމުމުމުގައި ވާގްނާއިން ޔޫކްރައިން ހަނގުރާމައިގައި އަދާ ކުރި ދައުރާއި 24 ވަނަ ދުވަހު މޮސްކޯއަށް ވަންނަން ކުރި މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް ތަރުޖަނާމް ވިދާޅުވިއެވެ. އަދި ވާގްނާގެ ކޮމާންޑަރުން ދެއްކި ވާހަކަތައް ޕުޓިން އަޑުއެއްސެވި ކަމަށާއި ކުރިމަގުގައި އެޖަމާއަތް އޮންނާނެ ގޮތާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

"އެއްވެސް ޝަރުތެއް ނެތި ޕުޓިން އަށް ތާއީދު ކުރާނެ ކަމަށް ޕްރިގޯޒިން ބުނި"
ޑިމިޓްރީ

ޕްރިގޯޒިން ސުލްހަ ކުރުމަށް މެދުވެރިވެ ވަޑައިގެންނެވި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުހަސެންކޯ މީގެ ކުރިން ވިދާޅުވެފައި ވަނީ ވާގްނާއަށް ޓަކައި ބެލަރޫސްގައި ތައްޔާރު ކުރި ކޭމްޕަށް އެމީހުން ނުދާ ކަމަށެވެ. ނަމަވެސް ހުސްވި ޖޫންމަހުގެ ފަހުކޮޅު އޭނާ ވިދާޅުވެފައިި ވަނީ ޕްރިގޯޒިން ހުރީ ރަޝިއާގައި ކަމަށެވެ. ހަމަ އެމުއްދަތުގައި ޕްރޮގޯޒިން ދަތުރު ކުރާ ޕްރިވެޓް ޖެޓް ބެލަރޫސް އިން ރަޝިއާ އަށް ވަދެފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ ރަޝިއާގައި ހުންނަ ވަކިތަނެއް ހާމަ ކޮށްފައި ނުވި ނަމަވެސް ރަޝިއާގެ އިދާރާތަކުން ބުނެފައި ވަނީ އޭނާ ހޯދުމަށް ކްރެމްލިން އިން މަސައްކަތް ނުކުރާ ކަމަށެވެ.

މިއަދު ޕްރިގޯޒިން ޕުޓިން އާ ބައްދަލު ކުރެއްވި އިރުވެސް އޭނާ ރުޅިއަންނަ ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާޖީ ޝޮއިގޫ އާއ ޗީފް އޮފް ޖެނެރަލް ސްޓާފް ވެލަރީ ގެރަސިމޯވް ހުންނެވީ މަގާމުގައެވެ. އެ ދެބޭފުޅުންނާ މެދު ޕްރިގޯޒިންގެ އޮތް މައްސަލަ އަށް ވީ ގޮތުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.