އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ އާއި މުދަލަށް ލިބޭ ގެއްލުންތަކަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ހީވުމަކީ ކުށް ހީއެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ، ލިޔުމެއްގައި ބުނީ އެކްސިޑެންޓުގެ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތަސް، އެއީ ކުށް ހީއެއް ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މިހާރުގެ ސިޔާސަތަކީ އެ ފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާކުރުން ކަމަށާ އެހެންވެ، އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ކޯޓުގައި ހިނގަމުންދާ ކަމަށް މި ލިޔުމުގައި ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޝަމީމް ބުނީ އެކްސިޑެންޓްވާ މީހާގެ އަތުގައި ލައިސަންސް ނެތް ނަމަ އެއީ ގާނޫނުލް އުގޫބާތުގައި ބުނާ ފަދަ ފަރުވާ ކުޑަ އަމަލެއްގެ ދަރަޖައިން ދައުވާ ކުރެވޭނެ އަމަލެއް ކަމަށެވެ. އަދި ގަސްދުގައި ކުރި ކަމެއް ކަމުގެ ހެކި ހުރި ނަމަ ގަސްދުގެ ދަރަޖައަށް މަތިކޮށް އަދަބު ބޮޑު ކުރެވޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެކްސިޑެންޓެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިގެން މަރުވެއްޖެ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ކުރެވޭނެކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި އެކްސިޑެންޓްތަކުގައި މީހުންނަށް ލިބޭ އަނިޔާތަކާ ގުޅިގެންނާ އެކްސިޑެންޓް ތަކުގައި މީހުންގެ މުދަލަށް ލިބޭ ގެއްލުންތަކާ ގުޅިގެން ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރެވޭނެ ކަމަށެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެފައި ވާއިރު ދާދި ފަހުން މާލޭގައި ލައިސަންސް ނެތި ސައިކަލު ދުއްވަނިކޮށް މީހެއްގެ ގައިގައި ޖެހި ވަނީ ބޮޑެތި އަނިޔާތަކެއް ވެފައި ވާއިރު އެ އެކްސިޑެންޓްގައި އަނިޔާ މީހާ ވަނީ ހައްޔަރު ކޮށްފައެވެ.