މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ، ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ކަމަށެވެ. ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާލެވޭނެ ކަމަށާއި އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރުވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް އެ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ، ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ރޭ 11:59 އަށް ކަމަށެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. ބީއެމްއެލްއިން ބުނީ، މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށެވެ.