އެމެރިކާގައި ދެމަފިރިއަކު ދަރިންކޮޅާއެކު ޕާޓީއަކަށް ގޮސް ބޮއެގެން ގެއަށް އައީ ދަންވަރު 3 ޖެހިފަހުންނެވެ. އެމެެރިކާގެ ސަގާފަތުގެ ތެރެއިން ބާއްވާ "ފޯތު ޖުލައި ޕާޓީ" އަށް ޖޯލް އާއި ޖޭޒްމިން ދިޔައީ 18 މަހުގެ ދަރިފުޅު ހިމެނޭހެން 3 ކުދިންވެސް ގޮވައިގެންނެވެ. ހުރިހާ ކުދިންނަކީވެސް 9 އަހަރުން ދަށުގެ ކުދިންނެވެ.

އެރޭގެ ޕާޓީގައި އުޅެފައި އެދެމަފިރިންނާއި ކުދިން ގެއަށް ދިޔައީ ދަންވަރު 3 ޖެހި އިރުއެވެ. ކާރުގައި ގޮސް ޕާކު ކުރުމަށް ފަހު ކުދިންނާއި ދެމަފިރިން ވަނީ ގެއަށެވެ. ބޮެގެން ތިބި ވަރުން 18 މަހުގެ ދަރިފުޅު ނުގެންދެވޭ ކަމެއް ދެމީހުން ކުރެ މީހަކަށް ނޭނގެއެވެ.

ގެއަށް ވަނުމާއެކު ދެމީހުން ތަންޑާވެގެން އެނދުމައްޗަށް ވެއްޓުނީއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހޭލައި، މަސައްކަތަށް ދާން ތައްޔާރުވެގެން ނިކުމެ ކާމޭރު ކައިރީގައި ތިބި ކުދިން ކުރެން ކޮއްކޮ ކޮބާތޯ ޖޯ އަހައެވެ. އަދި އެތަނުން އެއް ކުއްޖެއްގެ ގާތުގައި ކޮއްކޮ ކޮބާތޯ ބަލާލަން ކޮޓަރިއަށް ދިޔުމަށް ޖޯ އެދެއެވެ. އެއާއެކު އެތަނުން އެއްކުއްޖަކު ކޮޓަރިއަށް ގޮސް ދުވެފައި އައިސް ކޮއްކޮ ނެތް ކަމަށް ބުނެއެވެ.

ހާސްވެގެން ޖޯ ތެޅިގަތީ ދެނެވެ. އެތަން މިތަން ހޯދަމުން ބޭރަށް ނިކުމެ ގޮސް ކާރު ބެލިއެވެ. 18 މަހުގެ ދަރިފުޅު އޮތީ ކާރު ތެރޭގައެވެ.

ހަބަރުތައް ބުނާގޮތުން އެ ތުއްތު ކުއްޖާ ކާރުތެރޭގައި އޮންނަތާ އޭރު 8 ގަޑިއިރުވެއްޖެއެވެ. މެންދުރުވަމުން އައިއިރު ދެމުން އައި ބާރު އަވީގައި ނިއްވާލާފައި އޮތް ކާރުގައި ދަރިފުޅު އޮތީ މަރުވެފައެވެ.

ފުލުހުންގެ ތަހުގީގު ޓީމުތަކުން ބުނީ، އޭރު ކާރުތެރޭގެ ހޫނުމިން ހުރީ 105 ޑިގްރީގައި ކަމަށާއި އެ ކުއްޖާ މަރުވީ ހޫނުގެ ސަބަބުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އެ ކުއްޖާގެ މައިންބަފައިން ޕާޓީ ނިންމާ ގެއަށް އައިސް ކާރުން ދަރިންނާއެކު ނިކުމެގެން ދިޔަ އިރު އެއް ދޮރު ހުޅުވާފައި ހުރި ކަމަށް ޖޯ ބުނާ ކަމަށާއި، ފަހުން ބެލި އިރު ހުރިހާ ދޮރެއްވެސް ލައްޕާފައި ހުރުމުން ތުއްތު ދަރިފުޅުވެސް ގެއަށް ވެއްދީ ކަމަށް ޖޯއަށް ހީކުރެވުނު ކަމަށެވެ.

ނަމަވެސް ބޮއެގެން ބީތާވެފައި ހުރި ވަރުން ވީނުވީ އެއް ނޭނގުނު އިރު ފުލުހުން ބުނީ، އެ ދެމަފިރިން މަސްތުވާތަކެއްޗަށް ޓެސްޓް ކުރި އިރު ދެމީހުންވެސް ތިބީ މެރުއާނާ އާއި އަލްކަހޯލް އަށް ޕޮޒިޓީވް ވެފައި ކަމަށެވެ. އަދި ޖޯ ހުރީ މެތްވެސް ބޭނުން ކޮށްގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަގައި އެ ދެމަރިންގެ މައްޗަށް މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށް ޖަލަށް ލާފައި ވާ އިރު، ދުނިޔޭގައި ތިބި އެމީހުންގެ 2 ކުދިން ވަނީ ތިމާގެ މީހުންނާ ހަވާލު ކޮށްފައެވެ.