ރިޔާސީ އިންތިހާބުގެ ހުރިހާ ހަރަދަކަށް ކޮންމެ ކެންޑިޑޭޓަކުވެސް ބޭންކް އެކައުންޓު ހުޅުވަން ވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ ހުރިހާ ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކޮށް ބޭންކް އެކައުންޓެއް ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ކެންޑިޑޭޓުގެ ނަމުގައި ހުޅުވަންވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކޮންމެ ކެންޑިޑޭޓަކުވެސް އިންތިހާބާ ގުޅިގެން ކުރާ ހުރިހާ ހަރަދެއް ކުރަންވާނީ އަލަށް ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް ކަމަށާއި ކެންޑިޑޭޓަށް އިންތިހާބާ ގުޅިގެން ލިބޭ ހުރިހާ ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އަލަށް ހުޅުވާ އެކައުންޓަށް ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެ ފަދަ އެކައުންޓެއް ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ފަސޭހައިން ހުޅުވޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އީސީއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެކުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ބޭންކްތަކާ ވާހަކަ ދައްކަވައިގެން އެ އިންތިޒާމް ހަމަޖައްސައިދޭން އެދިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ. އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ މީހުންގެ ތެރޭގައި އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ، ކެމްޕެއިން ކުރައްވަމުންގެންދަވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

އެ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.