ނޭޓޯގެ މެންބަރަކަށް ވުމަށް ޔޫކްރައިން އިން ކުރަމުން ގެންދާ މަސައްކަތަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ތާއީދު ކުރައްވައިފިއެވެ.
ރަޝިއާ އާ ވެސް ގާތް ގުޅުމެއް ބާއްވަވާ އުރުދުގާން ވިދާޅުވީ، ޔޫކްރައިން އަށް ނޭޓޯގެ މެންބަރުކަން ލިބުން ހައްގު ކަމަށެވެ. ހަމަ އެހެންމެ މިހާރު 500 ދުވަސް ފަހަނައަޅާ ގޮސްފައި ވާ ޔޫކްރައިން ރަޝިއާ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ މަގު އިހުތިޔާރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެފަރާތަށް އެއްބަސްވެވޭ ސުލްހައެއްގައި އެއްވެސް ފަރާތަކަށް ގެއްލޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ.
ނޭޓޯއަށް ޔޫކްރައިން ވަންނަން ކުރާ މަސައްކަތަށް އުރުދުގާން ތާއީދު ކުރެއްވި މިވަގުތަކީ، އަންނަ އަންގާރަ ދުވަހު ނޭޓޯގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވެއް ލިތުއޭނިއާގައި ބޭއްވުމަށް އެޖެންޑާ ކޮށްފައިވާ ވަގުތެއްވެސް މެއެވެ. ނޭޓޯގެ ގިނަ ގައުމުތަކުން ޔޫކްރައިން އަށް އާނބަަސް ބުނެފައި ވީ ނަމަވެސް، ޔޫކްރައިންގެ ހުށަހެޅުން އަދި ބަލައިގެންފައެއް ނުވެއެވެ.
އުރުދުގާންގެ ތާއީދާއެކު ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، ސުލްހައިގެ ފޯމިއުލާ ހިމެނޭހެން ޔޫކްރައިންގެ އިހުތިސޯސް ހިނގާ ސަރަހައްދުތަކާއި އިސްތިގުލާލް ދެމިއޮތުމަށް އުރުރުގާން ތާއީދު ކުރެއްވުކަމީ ހެޔޮހިތުން ބަލައިގަންނަ ކަމެއް ކަމަށެވެ.
ޒެލެންސްކީ ވަނީ ތާއީދު ހޯއްދެވުމަށް ޗެކް ރިޕަބްލިކް، ސްލޮވޭކިއާ އަދި ބަލްގޭރިއާ އަށް ވެސް ވަޑައިގެންފައެވެ.
ޒެލެންސްކީ ވިދާޅުވަ ގޮތުގައި ނެޓޯގެ މެންބަރަކަށް އެގައުމު ވުމުގައި މިވަގުތު ހުރަހަކަށް ވަނީ އެމެރިކާއެވެ. އެމެރިކާއިން އާނބަސް ދިނުމުން އެކަން ހަމަޖެހިގެން ދާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވެފައި ވާ އިރު އެމެރިކާގެ އޮފިޝަލުން ވިދާޅުވީ، އަންގާރަ ދުވަހުގެ ސަމިޓަކީ ޔޫކްރައިންގެ މެންބާޝިޕާ ގުޅޭ ސަމިޓެއް ނޫން ކަމަށާއި، ޔޫކްރައިން އަށް މެންބަރުކަން ދިނުމަށް ފުރިހަމަވާން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. ޖަރުމަނުން ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކާފައެވެ.
ޔޫކްރައިން އަށް ނޭޓޯގެ މެންބަރުކަން ދިނުމާ މެދު ރަޝިއާއިން ކަނޑައެޅިގެން ދެކޮޅު ހަދާފައި ވާ އިރު ބުނެފައި ވަނީ ނޭޓޯގެ މެންބަރުކަން ޔޫކްރައިން އަށް ދީފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ފިޔަވަޅުތަކުގެ ތަފްސީލު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެއްވާފައި ނުވާއިރު، ޔޫކްރައިން ހަނގުރާމަ ފެށި އަސްލު ސަބަބަކީވެސް ނޭޓޯގެ މެންބަރުކަން ޔޫކްރައިން އަށް ދޭން އުޅުމާއި ނޭޓޯގެ ދިފާއީ އައްޑަނަތައް ޔޫކްރައިނާއި އަދި ރަޝިއާ އާ ކައިރީގައި ގާއިމު ކުރަން ފެށުމެވެ.