ރަޝިއާގެ އަސްކަރިއްޔާގެ އެންމެ އިސް 2 ވެރިން މަގާމުން ބާލައި އަސްކަރީ ވެރިކަން ބަދަލުކުރަން ބަރުހަތިޔާރާއެކު މޮސްކޯއަށް އަރަން ދިމާކުރި ވާގްނާ ޖަމާއަތުގެ މީހުން ބެލަރޫސް އަށް ނުވަންނަ ކަމަށް އެގައުމުގެ ރައީސް ވިދާޅުވެޖެއެވެ.

ރަޝިއާއިން ޔޫކްރައިންނަށް ދެމުން ގެންދާ ހަމަލާތައް ވިލަރެސް ކުރުމަށް ދެކުނު ސަރަހައްދުގައި ބޭނުން ކުރާ މައިމަރުކަޒު ހުންނަ ސިޓީ ހިފުމަށް ފަހު، މޮސްކޯއަށް އަރަން ދަނިކޮށް އޭނާ ހުއްޓުވައި ސުލްހަ ގާއިމު ކުރެއްވީ ބެލަރޫސްގެ ރައީސްއެވެ. ވާގްނާގެ ބޮސް އާ އެކު ހެއްދެވި ޑީލްގައި އެ ޖަމާއަތް ރަޝިއާއިން ފެއިބުމުން ބެލަރޫސް އިން ހިމާޔަތް ދެއްވަން އޮތީ އެއްބަސްވެ ވަޑައިގެންފައެވެ. އަދި އެމީހުން ތިބޭނެ ކޭމްޕެއްގެ ގޮތުގައި ސޯވިއެޓް ޒަމާނުގައި ރަޝިއާގެ ޓީސެލްގައި ހުރި އަސްކަރީ ކޭމްޕުވެސް އޮތީ ހަމަޖައްސާފައެވެ. އެތަނުގައި 300 ޓެންޓް ޖަހާ ތައްޔާރު ކޮށްފައި ވީ ނަމަވެސް އެތަނަށް ވާގްނާގެ ބޮސް، ޕްރިގޯޒިން އާއި އޭނާގެ ސިފައިން ގޮސްފައި ނުވާ ކަމަށް ބުނެއެވެ.

އެމީހުން އަދިވެސް ތިބީ، ޔޫކްރައިން އާ ހަނގުރާމަ ކުރަމުން ދިޔަ ކޭމްޕްތަކުގައި ކަމަށާއި، ބެލްރޫސް އިން ހަމަޖެއްސި ކޭމްޕްތަކަށް ދިޔުމާމެދު ޕްރިގޯޒިން ގެންގުޅޭ ވިސްނުން ތަފާތު ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އެހެން ބައެއް ހަބަރުތައް ބުނާގޮތުން ޕްރިގޯޒިން ހޯދުމުގެ މަސައްކަތް ރަޝިއާއިން ދަނީ ކުރަމުންނެވެ. ނަމަވެސް އެވާހަކަ ދޮގުކޮށް ކްރެމްލިން އިން ބުނީ، ޕްރިގޯޒިން އުޅޭ ނޫޅޭ ގޮތް ނުބަލާ ކަމަށެވެ.

ޕްރިގޯޒިން ހަތިޔާރާއެކު މޮސްކޯއަށް އަރަން މަސައްކަތް ކުރުމުން އެއީ ޚާއިނެއް ކަމަށް ނިންމާ ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވިއެވެ. ނަމަވެސް ފަހުން އޭނާ މޮސްކޯއަށް ނާރާ ބެލަރޫސް އަށް ދާން އެއްބަސް ވުމުން، އޭނާ އާއި ވާގްނާ ޖަމާއަތުގެ މެންބަރުންގެ މައްޗަށް ދައުވާ ނުކުރަން ކްރެމްލިން އިން ވަނީ ނިންމާފައެވެ.

ރަޝިއާގެ އަސްކަރީ ސަރުކާރު ވައްޓާލަން ވާގްނާ ގްރޫޕުން ހަތިޔާރާއެކު ވަދެ ރޮސްޓޯވް ހިފީ ހުސްވި ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު ގާތްގަނޑަކަށް 8 އެއްކަ ގަޑިއިރުގެ ތެރޭގައި ވޮރޯނެޒްގެ ތެރެއިން ލައިފައި ގޮސް މޮސްކޯއާ 200 ކިލޯމީޓަރަށް އޭނާ ކައިރިވިއެވެ. ރޮސްޓޯވް ހިފި އިރު އެއްވެސް ލޭ އޮހޮރުވުމެއް ހިނގާފައި ނުވި ނަމަވެސް މޮސްކޯއަށް އަރަން ދިޔަ މަގުމަތީގައި، އެ ޖަމާއަތާ ކުރިމަތިލި ރަޝިއާގެ 3 ހެލިކޮޕްޓަރު ވައްޓާލައި އަސްކަރީ ބައެއް އުލަނދުތަކަށް ހަމާލާދީފައި ވެއެވެ. އެ ދުވަހު އެކަނި ރަޝިއާގެ 9 ޕައިލެޓުން މަރުވިއެވެ.

ވާގްނާ ގްރޫޕަކީ، ރަޝިއާގެ އިތުރުން އެފްރިކާ އާއި އެހެން ބައެއް ގައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ވަރުގަދަ ޖަމާއަތެކެވެ. އެ ޖަމާއަތުގެ އަތުގައި އެންމެ ޒަމާނީ ހަތިޔާރު ހުރި އިރު، އެ ޖަމާއަތުގެ ބޮސް އަކީ، 2014 ގައި ރަޝިއާއިން ކްރިމިއާ ހިފި އިރު ޕުޓިން އުފެއްދެވި މީހެކެވެ.