ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަަނަރު އެންގި މައްސަލަ، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މި ދަތުރުފުޅަކީ 2021 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ހިނގި ހަރަދުތައް ހިމެނޭ ރަސީދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ މެއި މަހު ވަނީ ތާއީދުކޮށްފަ އެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް މިދިޔަ އާދީއްތަ ދުވަހު ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

ދައުލަތުން ބުނެފައިވަނީ ރަސީދުތައް ހާމަކޮށްފިނަމަ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެ، ރައީސްގެ ސެކިއުރިޓީއަށްވެސް ބުރޫ އަރައިފާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތުތައް އުނިކުރުމަށްފަހު ވެސް ހަރަދުތަކުގެ ރަސީދުތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.