ފެން ބިލުގެ ޖޫރިމަނާ މައާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށާފައި މިވަނީ ކަސްޓަމަރުންނަށް ބިލުތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަށް އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކޮށް އެމްޑަބްލިއުއެސްސީ އިން ބުނީ ފެން ބިލުގެ ޖޫރިމަނާ މާފުކުރުން ކުރިއަށް ގެންދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ.

އިތުރަށް އެ ކުންފުނިން ބުނީ މި ޕްރޮގްރާމުގެ ދަށުން ޖޫރިމަނާ މައާފުކޮށްދެވޭނީ ފެން ބިލަށް ނުވަތަ ބިލުތަކަށް ދައްކަން ޖުމްލަ ފައިސާ އެއްފަހަރާ ދައްކާ ހަލާސްކުރުމުން ކަމަށެވެ. އަދި ޖޫރިމަނާ މައާފުކޮށް ދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލްއަކުން ހުށަހަޅަންޖެހޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ވަނީ ފާއިތުވި މަސްތަކުގެ ފެން ބިލުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.