މާލޭން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުން ދިޔަ "ރިކާޑޯ" ނަމަކަށް ކިޔާ ދޯނި އަޑިއަށް ދިޔައީ އދ. އަތޮޅުގެ ރަށްތަކަށް ހެލްތް މިނިސްޓްރީއިން ފޮނުވި މިލިއަނެއްހާ މުދަލާއެކު ކަމަށް ހެލްތް މިނިސްޓްރީގެ ހެޑް އޮފް ކޮމިއުނިކޭޝަންސް އައިމިނަތު ސަތުފާ "ދަ ޕްރެސް" އަށް ވިދާޅުވެއްޖެއެވެ.

މާލޭން ފުރައިގެން އަށް ފަޅުވެރިންނާ އެކު އދ. މަހިބަދޫ އަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ "ރިކާޑޯ" ދޯނި އަލިހުރަސް ކަނޑުން އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައި ކަމަށްް ފުލުހުން ވަނީ ބުނެފައެވެ.

"ރިކާޑޯ" އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުމުން އދ. އަތޮޅުގެ ފުލުހުންގެ ލޯންޗަކުން އެ ސަރަހައްދަށް ގޮސް، އެ ދޯނީގައި ތިބި 8 ފަޅުވެރިން ލޯންޗަށް ނަގާފައިވާ ކަމަށާއި، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާއިރު ސަތުފާ ވިދާޅުވީ އދ. އަތޮޅުގެ ރަށްތަކަށް ހެލްތް މިނިސްޓްރީއިން ފޮނުވި އެއް މިލިއަނެއްހާ ރުފިޔާގެ މުދާ އެ ދޯނީގައި ހުރި ކަމަށެވެ. އޭގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމްތަކާއި ޕްރިންޓަރާއި ވީޑިއޯ ކޮންފަރެންސް ކެމެރާތަކާއި ޓެބްލެޓްތަކެއް ހިމެނޭ ކަމަށް ސަތުފާ ވިދާޅުވިއެވެ.

ސަތުފާ ވިދާޅުވީ މިނިސްޓްރީއިން ހުރިހާ ރަށެއްގެ ހެލްތް ސެންޓަރުތަކަށްވެސް އެ ތަކެތި ފޮނުވަމުންދާ ކަމަށާއި އިއްޔެ އެ ބޯޓުން ފޮނުވީ އދ. އަތޮޅު ހޮސްޕިޓަލަށާއި އދގެ ހެލްތް ސެންޓަރުތަކަށް ކަމަށެވެ. އަދި އެއްވެސް އެއްޗެއް ސަލާމަތް ނުވެ އަޑިއަށް ގޮސްފައިވާ ކަން ސަތުފާ ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާންސްޓްރަކްޗާ ހަރުދަނާ ކުރުމަށް ސަރުކާރުން ފެށި 56 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ފަސް ރީޖަނަލް ހޮސްޕިޓަލާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަކަށް އައިޓީ ސާމާނު ހަވާލު ކުރަން ހަމަޖެހިފައިވެއެވެ.