ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) ގެ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާ ކަމަށް ބުނި ނަމަވެސް އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެކެވެ. ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އަރްޑީސީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގޭކަށް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރަކީ މޫކޭގެ ޅިޔަނެކެވެ. ޔާސިރު ވަނީ މީގެ މަހެއްހައި ދުވަސްކުރިން މޫކޭގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަކާ ކައިވެނި ކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ އިރު، ފުލުހުންގެ ތަހުގީގު ހުއްޓުވުމަށް މި ސަރުކާރުގެ ބައެއް ބޭފުޅުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް ނުސްތަކުގައި އަންނަނީ ރިޕޯޓް ކުރަމުންނެވެ. އެ ގޮތަށް އެ މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް ރިޔާސީ އިންތިހާބާ ދިމާކޮސް ސަރުކާރަށް އޮތް ތާއީދު ގެއްލިދާނެތީ ކަމަށް ވެސް ނޫސްތަކުން ބުނެފައި ވެއެވެ.
މި ކަމާ ގުޅިގެން އާރްޑީސީން އަދި ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.