މިސައިލާއި ބޮން އަޅާ އިޒްރޭލުން ފަލަސްތީނުގެ 3 މީހަކު ޝަހީދު ކޮށްލައި 13 މީހަކު ޒަހަމްކޮށްލައިފިއެވެ. މެދުއިރުމަތީގައި އޮތް އެންމެ ކުރިއަރާފައިވާ [އެޑްވާންސް] އަސްކަރިއްޔާގެ ވައިގެ ދިފާއު އަދިވެސް ވަރުގަދަ ކުރުމަށް އެމެރިކާގެ އެހީގައި 3 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށާފައި ވާ އިރު، މި ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް، ޖެނީން އަށް 10 ހަމަލާއެއް ދީފައި ވެއެވެ.

ވައިގެ މަގުން ބޮން އަޅާ ދިން މިސައިލް ހަމަލާތަކުގައި 3 މީހަކު ޝަހީދު ވި އިރު ޒަހަމްވި މީހުންގެ ހާލު ނާޒުކު ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެއެވެ.

ފަލަސްތީނުގެ އިދާރާތަކުން ބުނީ، އިޒްރޭލުގެ ހަމަލާތަކުގައި އެތައް އިމާރާތެއްގައި ރޯވެ ބޯ ދުން އަރަމުން ދާ ކަމަށާއި، ޖެނީން އަކީ މިހާރު ހަނގުރާމައިގެ މައިދާނަކަށް ވަމުން ދާ ކަމަށެވެ.

"ފަސް ހައެއްކަ އެންބިއުލާންސް އަބަދުވެސް ވަދެ ނުކުމެ ހަދަން ޖެހޭ، ކޮންމް އެންބިއުލާންސެއް ދަނީ ޒަހަމްވެފައި ތިބޭ މީހުން އަރުވައިގެން ފުލްކޮށް"

އިޒްރޭލުން ޖެނީންނަށް ހަމަލާ ދިން ސީދާ ސަބަބު ސާފު ނުވާ އިރު، ރާމައްލޯ އަށް ދިން ހަމަލާއެއްގައި ވެސް އުމުރުން 21 އަހަރުގެ ޒުޥާނަކު ޝަހީދު ކޮށްލާފައި ވެއެވެ. މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުވެސް މިފަދަ ނުރައްކާތެރި ހަމަލާތަކެއް އިޒްރޭލުން ދީފައި ވެއެވެ. އެހަމަލާތަކުގައި 3 މީހަކު ޝަހީދުވި އިރު 100 މީހަކު ޒަހަމްވެފައި ވާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ. އަދި އެމަހުގެ 19 ވަނަ ދުވަހުވެސް ޖެނީން އަށް ވައިގެ ހަމަލާތައް އިޒްރޭލުން ދިނެވެ.

ދާއިމީ ކޮށް ރާވައިގެން އިޒްރޭލުން ދޭ މިހަލާތަކުގެ ދިފާއުފައި އެގައުމުން ބުނަމުން ދަނީ އެއީ އިޒްރޭލަށް އަމާޒުކޮށް ހަމަލާ ދޭ މުޖާހިދުން ހޯދާ ހިފާ ހައްޔާރު ކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. ބައެއް ފަހަރު ވައިގެ މަގުން ހަމަލާ ދެމުން އެއްގަމު މަގުން ވަދެގަނެ ގެދޮރުން މީހުން ނެރެ މަގުމަތި ކޮށްފައިވެސް ވެއެވެ.

އިޒްރޭލުގެ އުދުވާން ކުށްވެރި ކުރުމުގައި ހުޅަނގުން ފަސްޖެހިފައި ވާ އިރު، އދ އަށް ވެސް އެކަމުގައި ބަހެއް ބުނެވޭ ވަރެއް ނުވެއެވެ. އިޒްރޭލާ ދެކޮޅަށް ފާސްކުރަން ހުށަހަޅާ ކޮންމެ ގަރާރެއް އެމެރިކާއިން ވީޓޯ ކުރެއެވެ.

އިޒްރޭލުގެ ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް އަޑު އުފުލަމުން ދާ އިރު، ބައެއް އަވަށްތަކުން އާންމުން ހުސްކުރުމުގެ ސިޔާސަތެއްވެސް ދަނީ ތަންފީޒު ކުރަމުންނެވެ.